02 Feb 2022, 10:44
ބިސާއޮ (02 ފެބްރުއަރީ 2022): އެފްރިކާގެ ހުޅަނގު ފަޅީގެ ގައުމެއްކަމަށްވާ ގިނީ ބިސާއޮގެ ބަޔަކު ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުކޮށްލައިފިކަން އެގައުމުގެ ރައީސް އުމަރު ސިސޯކޯ އެންބާލޯ އިއުލާން ކުރައްވައިފިއެވެ.
ވެރިރަށް ބިސާއޮ ގައި ރޭ ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި އުމަރު ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ގެންނަން އުޅުނު އިންގިލާބަކީ ކޮރަޕްޝަންގެ ބޮޑުންނާ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް އޭނާ އެޅުއްވި ފިޔަވަޅުތަކަކާ ގުޅިގެން ބަޔަކު ގެންނަން އުޅުނު ބަޣާވާތެއްކަމަށާއި އެބަޣާވާތުގައި ސިފައިން ގެ ބަޔަކު ބައިވެރިވާކަން ނުވަތަ ނޫންކަން ސާފުނުވާ ކަމުގައެވެ.
ނަމަވެސް ސިފައިންގެ މުއައްސަސާ އޮތީ ގާނޫނީ ސަރުކާރުގެ ހިމާޔަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ގިނީ ބިސާއޮ ގެ ވެރިކަން ބަދަލުކޮށްލަން ހިންގި ހަރަކާތުގައި މަދު ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށްވެސް ރައީސް އުމަރު ވިދާޅުވިއެވެ.
ބަޣާވާތުގައި އަމަލީގޮތުން އުޅުނު ފަރާތްތަކާއި ގިނީ ބިސާއޮ ގެ ސިފައިންނާ ދެމެދު ސަރުކާރުގެ އިދާރީ އެކުވެންޏެއްގެ ކައިރީގައި އިއްޔެ ހަވީރުވަނީ ބަޑީގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެކުވެނީގެ ކައިރީގައި ބަޑީގެ ހަމަލާތައް ބަދަލުކުރިވަގުތު އެއިމާރާތުގައި ރައީސް އުމަރު އިންނެވީ އޭނާގެ ކެބިނެޓްގެ ބައްދަލުވުމެއްގެ ރިޔާސަތުގައި ކަމަށް ޚަބަރުތައް ބުނެއެވެ.
ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ޖަމްއިއްޔާ، އެކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އެކޮވާސް) އިން ވަނީ ގިނީ ބިސާއޮ ގައި ވެރިކަން ފޮރޮޅާލުމުގެ ހަރަކާތްތަކެއް ހިންގަމުން ގެންދާކަން އިއްޔެ ހާމަކޮށް އެކަން ކުށްވެރިކޮށްފައެވެ.
ރައީސް އުމަރު ވިދާޅުވިގޮތުގައި ގައުމުގެ ސިފައިންނާއި ފުލުންގެ ބާރުތައްވަނީ އޭނާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. އަދި އެދެ މުއައްސަސާ ގުޅިގެން ވަނީ ވެރިރަށް ބިސާއޮ އާއި ގައުމުގެ ހުރިހާ ސަރަހައްދުތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ހުޅަނގު އެފްރިކާގެ ގައުމެއްކަމަށްވާ ގިނީ ބިސާއޮ އަކީ ގާތްގަނޑަކަށް 1.7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކުޑަ އަދި ފަގީރު ގައުމެކެވެ. ޕޯޗްގަލްގެ ކިބައިން 1973 ގައި މިނިވަންކަން ލިބުނު ގިނީ ބިސާއޮގެ ވެރިކަން ފޮރޮޅާލުމަށް ފާއިތުވި ސާޅީހަކަށް އަހަރުތެރޭގައި ނުވަ އިންގިލާބު ގެނަސްފައިވެއެވެ.
ގިނީ ބިސާއޮގެ އާބާދީގައި ހިމެނޭ 46 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. އެހެންކަމުން އެގައުމަކީ އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) ގެ މެންބަރެކެވެ. އެގައުމުގެ 30 އިންސައްތަ މީހުންނަކީ އެފްރިކާގެ ފޯކް ނަމަކަށްކިޔާ އަގީދާއެއް ގެންގުޅޭ ބައެކެވެ. ނަސާރާއިންގެ ނިސްބަތަކީ ގާތްގަނޑަކަށް 19 އިންސައްތައެވެ.
ގިނީ ބިސާއޮގެ މައިގަނޑު އުފެއްދުންތަކަކީ ކަނޑުމަހާއި ކެޖޫނެޓް އެވެ. ނަމަވެސް އެގައުމަކީ ރަނާއި ލަޑުކިވެސް އުފައްދައި އެކްސްޕޯޓް ކުރާ ގައުމެކެވެ. ގައުމީ އާމްދަނީއަކީ ގާތްގަނޑަކަށް ހަތަރު ބިލިއަން އެމެރިކާ ޑޮލަރެވެ.