ކޮވިޑް ޖެހިގެން ރާއްޖޭގައި އުޅޭ ސްރީލަންކާގެ މީހަކު ރޭ މަރުވެއްޖެއެވެ.

އެޗްޕީއޭއިން މިއަދު ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ 3:04 ގައި މަރުވީ ސްރީލަންކާގެ 73 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 278 ވަނަ މީހާއެވެ.

މިދުވަސްކޮޅު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވާ މީހުންގެ އަދަދު އަނެއްކާ ވެސް ވަނީ އިތުރުވެފައެވެ. އިއްޔެ ވެސް އެ ބަލީގައި ދެ މީހަކު މަރުވިއެވެ.

ކޮވިޑަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް މިހާރު ވަރަށް ބޮޑުތަން އިތުރެވެ. އެގޮތުން ތިންހާހާ ގާތް ކުރާ އަދަދަކަށް ކޮންމެ ދުވަހަކު ވެސް މީހުން ޕޮޒިޓިވްވެއެވެ.