ގާނޫނެއް ފާސްކުރިއަސް "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ޗެނަލް 13އިން ދެއްކި ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގާ ކެމްޕޭނެއް ކަމަށާއި، އެހެންކަމުން އެކަން ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އިސްލާމް ދީނާ ޚިލާފުނޫން ވާހަކަތައް ދެއްކުމުގައި, ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ލިބެންޖެހޭ ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގައި މެޖޯރިޓީއެއް އޮތް އެމްޑީޕީއަށް ބިލެއް ފާސްކުރެވުނު ކަމުގައި ވިޔަސް، އެ ހަރަކާތް ނުހުއްޓުވޭނެކަމަށެވެ.

"މަޖިލީހުގެ މެޖޯރިޓީ އޮތީމަ ބިލުވެސް ފާސްކުރެވޭނެ. އެކަމަކު މީކީ ހުއްޓުވޭނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ ހަރަކާތުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ މަސައްކަތްތެރިންނަށް ގެއްލުންވާ ކަމަށް ދެކެވޭ ވާހަކައަށް ރައްދުދެއްވައި، އެމަނިކުފާނު ވިދާޅުވީ އެހެން އެކަން ވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އެމީހުންނަށް ނުރައްކާވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެމީހުންނަށް ނުރައްކަލެއް ކުރަންޏާ ވެސް ކުރާނީ އެމްޑީޕީން. އިންޑިއާގެ މަދަނީ ފަރާތްތަކާ ދެކޮޅުވެރިކަމެއް އޮވެގެނެއް ނޫނޭ އަޅުގަނޑުމެން މިއުޅެނީ," ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމާއެކު އިންޑިއާ އައުޓް ކެމްޕޭން ވަނީ އިތުރަށް ވަރުގަދަވެފައެވެ. މިގޮތުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް އެ ކެމްޕޭނުގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ.

އަދި ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށް ގޮވާލައްވާފައި ވަނިކޮށް، ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ފާރުގައި އެހެން ޖެހި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ށ.ފުނަދޫ، ހދ.ހަނިމާދޫ އަދި ހއ.އިހަވަންދޫގައި ވެސް މިފަދަ ކަންތައްތައް ވަނީ ހިނގާފައެވެ.