02 Feb 2022, 09:24
ޕީޕީއެމްގެ ސަރުކާރެއްގައި ރަށްރަށުގައި އުފެދޭ ވަޒީފާތައް ދޭނީ އެޕާޓީގެ މީހުންނަށް ކަމަށް ވިދާޅުވާ ވިދާޅުވުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަކުރާރު ކުރައްވައިފިއެވެ.
ރޭ ޗެނަލް 13އިން ދެއްކި ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ވެސް ރަށްރަށުގައި އުފައްދާ ވަޒީފާތައް ދެނީ އެމްޑީޕީގެ މެންބަރުންނަށް ކަމަށެވެ. އަދި އެ މަގާމުތަކަށް ޝަރުތު ފުރިހަމަވާ މީހުން ނަގަމުން ނުދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު މިދިޔަ ހުކުރުދުވަހުގެ ރޭ ދެއްކެވި ވާހަކައިގެ މުރާދަކީ ދައުލަތުގެ ހުރިހާ ވަޒީފާއެއް ޕީޕީއެމަށް ހާއްސަ ކުރުން ނޫންކަމަށާއި، އެކަމަކު ރަށްރަށުގައި އުފެދޭ މަދު ވަޒީފާތަކަށް އެހެން ހެދުން ކަމުގައި ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ވެސް އެބަޖެހޭ އަޅުގަނޑަށް ތާއީދު ކުރާ މީހުން ހިފަހައްޓަން. އެހެންވީމާ އަޅުގަނޑު ބުނި ވާހަކައަކީ މުޅި ދައުލަތުގެ ހުރިހާ ވަޒީފާއެއް ބަހާ ވާހަކައެއް ނޫން. މިހާރުވެސް މި ރަނގަޅު ކުރަނީ. އޭރުވެސް ބުނެފަ އޮންނާނީ އެހެންނެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ސިޔާސީ ކަންކަން ހުންނަ ގޮތުން ކޯލިޝަނެއް ހަދަން ޖެހުނަސް، ކޯލިޝަން ޕާޓީތަކަށް ވެސް އެ ވަޒީފާތަކުން ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޕީޕީއެމުން ކޯލިޝަން ހެދި ނަމަވެސް ރަށްރަށުގައި ހުންނަ ވަޒީފާތަކަކީ ވަރަށް މަދުން އުފެދޭ ވަޒީފާތަކެކޭ، މައިގަނޑު ވަޒީފާތައް މި އޮންނަނީ މާލެއާ ބޮޑެތި ރަށްރަށުގައި،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން މިހާރު ވެސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ސަރުކާރުން ގިނަ ވަޒީފާތަކެއް އުފައްދަމުން އަންނަ ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ.
މިދިޔަ ހުކުރުދުވަހުގެރޭ މާލޭގެ ރެސްޓޯރެންޓެއްގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެސް އެ މަނިކުފާނު ވަނީ މި މޭރުމުން ވާހަކަދައްކަވާފައެވެ.
އޭރު އެ މައްސަލަ ހޫނުވުމުން ޕީޕީއެމުން ވަނީ އެ ޕާޓީގެ ސަރުކާރެއްގައި ހުރިހާ މީހުންނަށް ވެސް ވަޒީފާގެ ފުރުސަތު ލިބޭނެކަމަށް ބުނެ، ބަޔާނެއް ނެރެފައެވެ.