12 Mar 2012, 08:54
ޓޯކިޔޯ (މާޗް 12) : 2011 ވަނަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި އެއާގުޅިގެން އެޤައުމަށްއެރި ސުނާމީ ބޮޑުރާޅުގެ ކާރިޘާތަކަށް އެއްއަހަރު ފުރުން އެޤައުމުގައި ފާހަގަކޮށްފިއެވެ.
ޖަޕާންގެ މީޑިޔާ ބުނާގޮތުން މިކާރިޘާތަކުގައި މަރުވި މީހުންގެ ހަނދާނުގައި މުޅިގައުމުގައި އިއްޔެވަނީ އެއްމިނިއްޓުގެ ސުކޫތެއް ގެނަސްފައެވެ. ޖަޕާނުގައި ހިނގަމުންދާ މައިގަނޑު ހުރިހާ ޙަރަކާތްތަކެއް މިމިނިއްޓުގައި ހުއްޓުމަކަށް ގެނެވިފައިވާއިރު، ހިނގާ ބިނގާ ވާމީހުންގެ ޙަރަކާތްތަކުގެ އިތުރުން ދަތުރުފަތުރުގެ ޙަރަކާތްތައްވެސް ހުއްޓުމަކަށް ގެނެވުނުކަމަށާއި މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށްމަތީ ދަރަޖައަކަށް ލިބުނުކަމަށް ޖަޕާންގެ މީޑިޔާ ޚަބަރުދެއެވެ.
ރެކްޓަރ މިންގަނޑުން 9 ގެ ބާރުމިނުގައި މިދިޔައަހަރު ޖަޕާނުގެ އިރުއުތުރަށް އައި ބާރުގަދަ ބިންހެލުމާއި އެއާގުޅިގެން އުފެދުނު ވިހިތިރީސް މީޓަރުގެ އުސް ސުނާމީ ބޮޑުރާޅުތައް ޖަޕާނުގެ އައްސޭރިފަށަށް ބިންދާލުމާއެކު އެޤައުމުގެ ބޮޑުސަރަޙައްދެއް މުޅިން ފުނޑުފުނޑުވެ ކަނޑަށް ޣަރަޤުވެގެންދިޔައެވެ.
ފުލުފުލުގައި އައި މިކާރިޘާތަކުގައި 27 ހާހަށްވުރެ ގިނަމީހުން މަރުވެފައިވާއިރު 3500 އަށްވުރެ ގިނަމީހުން ގެއްލި 70 ވަރަކަށް ހާސްމީހުން ޒަޚަމްވެ އެތަށް ލައްކަ ބަޔަކު ހާލުގައިޖެހި ރެފިއުޖީންނަށް ވެގެންދިޔައެވެ.
މީގެއިތުރުން އެތަށްހާސް މިލިޔަން ޑޮލަރެއްގެ މާއްދީ ގެއްލުންތައްލިބި ޖަޕާންގެ އުފެއްދުންތެރިކަމާއި ސިނާޢަތަށް ލޮޅުންއަރައި އިޤްތިސާދީ ދުވެލި މަޑުޖައްސާލިއެވެ. މިކާރިޘާއާގުޅިގެން ޖަޕާނުގެ އިރުއުތުރުގައިވާ ފުކުޝީމާގެ ނިއުކްލިޔަރ ރިއެކްޓަރތައް ގޮވައި އެތަށްހާސް އަހަރަކަށް ގެއްލުންތައް ދިގުދެމިގެންދާފަދަ ނިއުކްލިޔަރ ރޭޑިއޭޝަންތައް ފެތުރި ބިރުވެރި ނިއުކްލިޔަރ ކާރިޘާއަކާވެސް ޖަޕާންގެ ރައްޔިތުން ކުރިމަތިލާންޖެހުނެވެ.
ބިންހެލުމާއެކު ކުރިމަތިވި ކާރިޘާތަކުގެ ހިތާމަ ފާޅުކުރުމުގެ ގޮތުން ޓޯކިޔޯގެ ނެޝަނަލް ތިއޭޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޕެރަރ އަކިހީޓޯއާއި ބޮޑުވަޒީރު ޔުޝިކީޑޯ ނޮޑާ ބައިވެރިވެ ވަޑައިގެން ރައްޔިތުންނާ މުޚާތަބު ކުރައްވައި ކާރިޘާގެ ވަގުތު ރައްޔިތުން ކުރި ހިއްވަރަށް ތާރީފު ކުރެއްވިއެވެ. -- ރޮއިޓާސް