"މިންނު..."

މިންހާ އެނބުރި ބަލައިލިއެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ އާހިލްކަން އޭނާއަށް އެނގުނީ މީގެކުރިން ވެސް އެތަކެއް ފަހަރަކު އާހިލްގެ ފޮޓޯ އޭނާއަށް ފޯނުން ފެނިފައިވާތީއެވެ. ކުއްލިއަކަށް ޝިޒާން މަތިން ހަނދާންވެ މިންހާގެ ހިނިތުންވުން ފަނޑުވިއެވެ. އެއީ އާހިލް ނަމަ، އޭނާ އާ އާހިލްއާ ދައްކާފައި ހުރި ވާހަކަތައް ޝިޒާންއަށް އެނގެންވީ ކީއްވެހެއްޔެވެ؟ އޭނާގެ ކޮޓަރިއާ އެގެއާ އެއީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ އާހިލް ބުނާ ގޮތަށް ޝިޒާން ބައެއް ވާހަކަތައް ބުނުމަކީވެސް އިއްތިފާޤެއް ހެއްޔެވެ؟ ފޮޓޯވެސް ފެނިފައި ވުމާއެކު، މިންހާއަށް އެއީ އާހިލްކަން އެނގުނުނަމަވެސް، އެފަދަ ބައެއް ސުވާލުތައް އޭނާގެ ހިތުގައި ވިއެވެ.

މިންހާ އާހިލްއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ކަނޑު ނޫކުލައިގެ ގޮޅިޖެހި ގަމީހަކާއި ކަޅުކުލައިގެ ޖީންސްއެއްގައި އާހިލް ފެންނަލެއް ވަރަށް ވެސް ހިތްގައިމެވެ. ދިގު އިސްކޮޅެއް އާހިލްއަށް ލިބިފައިވާއިރު އޭނާގެ ގަދަ މުށިކުލައިގެ ކަޅި ހުއްޓިފައިވަނީ މިންހާއަށެވެ. އާހިލް އޭނާގެ ކަަނދުރާއާ ހިސާބަށް ދިގުކޮށްލާފައި އޮތް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"އާހިލް..." މިންހާއަށް ގޮވައިލެވުނެވެ.

"މިންނު..." އާހިލް ގޮނޑީގައި އިށީނދެލިއެވެ. އޭރު އޭނާގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. މިންހާއަށް ނޭނގުނު ކަމަކީ އާހިލް ފެނިގެން ވެސް އޭނާ އުފާނުވިކަމެވެ. އެހިތުގައި އާދަޔާ ޚިލާފް ޖަޒުބާތުތަކެއް އުފަންނުވިކަމެވެ. އެ ހިތުގެ ތެޅުމަށް ބަދަލުތަކެއް ނައި ކަމެވެ. މިންހާގެ އަތުގައި އާހިލް މަޑުމަޑުން ހިފައްޓައިލިއެވެ. އެއަތަށް ބަލައިލުމަށްފަހު، މިންހާ އޭނާގެ ހިނިތުންވުން ފުޅާކޮށްލަން މަސައްކަތްކުރިއެވެ.

"އައި މިސްޑް ޔޫ ބޭބީ..." އާހިލް ބުނެލިއެވެ.

"އައި މިސްޑް ޔޫ ޓޫ އާހިލް. އަހަރެން އާހިލް މަތިން ވަރަށް ހަނދާންވި. އާހިލް ބައްދަލުކުރަން ބުނީއްސުރެ އަހަރެންނަށް ނޭނގެ ވީގޮތެއްވެސް..." މިންހާއަށް ބުނެވުނެވެ. މިންހާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުން އާހިލްއަށް ހިތްހަމަޖެހުން ލިބުނެވެ.

"ކާއެއްޗަކަށް އޯޑަރު ދޭންވީ ދޯ..." އާހިލް ވެއިޓަރަށް ގޮވައިލިއެވެ. މެނޫ ގެނެސް ދިނުމުން މެނޫ ބަލާލާފައި ދެމީހުން އޯޑަރު ދިނެވެ. ކާއެއްޗެހި އައުމުން ދެމީހުން ކައިގެން ރެސްޓޯރެންޓުން ނުކުތެވެ.

"ދުއްވާލަން ނުދާނަންތަ އަހަންނާ އެކީ؟" އާހިލް މިންހާއާ ސުވާލުކޮށްލިއެވެ.

"ނޫން. ދެވިދާނެ." މިންހާ ބުނެލިއެވެ. ހަޤީގަތުގައި އެހާ ދުވަސްފަހުން އާހިލްއާ ދިމާވުމުން މިންހާވެސް ހުރީ އާހިލްއާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ. އޭނާ އާހިލްއާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަވެސް އެބަހުއްޓެވެ. މިންހާ ބޭނުންވަނީ ތަންކޮޅެއް ހަމަޖެހިލައިގެން ތިބެ އެ ވާހަކަތައް ދައްކާށެވެ. ކޮންމެ ގޮތެއްވިޔަސް އޭނާއަކީ އަދިވެސް މީހެއްގެ އަނތްބެކެވެ. ޝިޒާން ވަރުނުކުރާހާ ހިނދަކު އޭނާއަކަށް އާހިލްއާ ކައިވެންޏެއް ނުކުރެވޭނެއެވެ. އޭނާ އެންމެ ކަންބޮޑުވަނީ އާހިލް އޭނާ ދޫކޮށްލާފައި ހިނގައިދާނެތީއެވެ. އޭރުން އޭނާގެ ހިތް ހަލާކުވެދާނެއެވެ. އާހިލްއާ ވަކިން އުޅެވޭވަރަށް ވުރެ އޭނާގެ ހިތް ބަލިކައްޓެވެ.

"ފިރިމީހާ ނުހޯދާނެތަ؟" އާހިލް މިންހާއަށް ފުން ނަޒަަރަކުން ބަލައިލިއެވެ.

"އޭނަ ގެއަށް ދާނީ ލަހުން. އެހެންނޫނަސް، އަހަރެން ކޮންމެ މީހަކާ ބައްދަލުކުރިޔަސް އޭނާއަށް އެކަމަކާ ނުބެހެވޭނެ. އަހަރެމެން ދެމީހުންގެ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ. އޭނަ އަހަރެމެން ދެމީހުންގެ ދޭތެރެއަށް ނުވަތްނަމަ މިއަދު އަހަރެން ހުންނާނީ އާހިލްގެ އަނތްބެއްގެ ގޮތުގައި." މިންހާ ބުނެލިއެވެ. އޭނާ ހިތުގައި އޮތް ވާހަކަތައް އާހިލްގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. އޭނާ ޔަޤީންކަން ދޭން ބޭނުންވީ އޭނާއާ އާހިލްއާ ދެމެދު އެއްވެސް ގުޅުމެއް ނެތްކަމުގައެވެ. އާހިލްގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފާޅެއް ނުވެއެވެ. އެހެންކަމުން އެހިތުގައި ދައުރުވާނެ އެއްޗެއް ދެނެގަންނަން މިންހާ ނުކުޅެދުނެވެ.

"ކިހިނެއްވީ؟ އަހަންނަށް އިތުބާރު ނުކުރެވެނީތަ؟" މިންހާ އާހިލްއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.

"ނޫން. އަހަރެން މިންނުއަށް އިތުބާރުނުކޮށް ދެން އެހެން ކާކަށް އިތުބާރުކުރާނީ. ޔޫ އާރ މައި އެވްރީތިންގް." އާހިލް މިންހާގެ ކޮނޑުގައި ހިފާ އޭނާއާ ކުޑަކޮށް ގާތްކޮށްލިއެވެ. މިންހާ މަގުމަތިން ދަމުން ދިޔަ މީހުންނަށް ބަލައިލަމުން ކުޑަކޮށް އާހިލްއާ ދުރުވެލިއެވެ.

"ކިހިނެއްވީ ދުރަށް ދިޔައީ؟" އާހިލް ސުވާލުކޮށްލިއެވެ.

"މީހުން ބަލާތީ..." މިންހާ ލަދުންގަތެވެ.

"މާލޭގައި އެއްބަޔަކު އަނެއްބަޔަކު ކުރާނެކަމެއް ނުބަލާނެޔޭ... ހެހެ. ސައިކަލަށް އަރާ... ހުޅުމާލެއަށް ދޯ ދާނީ؟" އާހިލް ސުވާލުކޮށްލުމާއެކު މިންހާ ބުނީ އާހިލްއަށް ކަމުދާ ތަނަކަށް ދިޔައިމާ ހުންނާނީ ރަނގަޅަށްކަމުގައެވެ.

"އެކަމަކު ހުޅުމާލެއަށް ދަންޏާ ހެލްމެޓް ބޭނުންވާނެއެއްނު." މިންހާ ބުނެލިއެވެ.

"އެބައޮތޯ ހެލްމެޓް. ހާސްނުވޭ އެކަމާ" އާހިލް ބުނެލިއެވެ. އޭނާ ސައިކަލަށް އަރާ އިށީނދެފައި މިންހާ ގާތު އެރުމަށް ބުނެލިއެވެ. މިންހާ ވަށައިގެން ބަލައިލުމަށްފަހު، އާހިލްގެ ސައިކަލު ފަހަތަށް އަރާ އިށީނެވެ. އޭރު ސިކުނޑީގެ ކޮންމެވެސް ކަނަކުން އެއީ އަދި ރަނގަޅުގޮތެއް ނޫނޭ ބުނަމުން ދިޔަނަމަވެސް، މިންހާ ކަންތައް ކުރީ އޭނާގެ ހިތަށް ފެނުނު ގޮތަށެވެ. ދުވަހަކު އާހިލްއާ ބައްދަލު ނުވިނަމަވެސް، ފޯނުން ދެކެވުނު ވާހަކަތަކާ އޭނާ އާހިލްއަށް އިތުބާރުކުރަން އާހިލްގެ އެއްވެސް ނިންމުމަކާ އޭނާއަށް ދެކޮޅު ހަދާނެ ހާ ހިތްވަރެއް ނުލިބުނެވެ. ޚުދު އޭނާވެސް އާހުލްއާ އެކު ވަގުތު ހޭދަކުރަން ބޭނުންވެފައިހުރިލެއް ބޮޑުކަމުންނެވެ.

ބޮޑުތަކުރުފާނު މަގަށް ނުކުމެވުމާއެކު، އާހިލް ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ. ޖެހެމުންދިޔަ ބާރު ވައިރޯޅިތައް މިންހާގެ އިސްތަށިގަނޑާ ސަމާސާ ކުރަން ފެށިއެވެ. އޭނާއަށް ކޮންމެވެސް ވަރަކަށް ފިނިވިއެވެ. އާހިލް އިރުއިރުކޮޅުން ދުވެލި ބާރުކޮށްލައެވެ. އެއިން ކޮންމެ ފަހަރަކު މިންހާ ގޮސް ޖެހެނީ އާހިލްެގެ ބުރަކަށީގައެވެ. އެކަމުން އާހިލްއަށް އުފަލެއް ލިބޭކަހަލައެވެ. ކޮންމެ ފަހަރަކު ވެސް ލުއި ހިނިގަނޑެއް ޖަހައިލުމަށްފަހު އޭނާ އެ އަމަލު ތަކުރާރުކޮށްލައެވެ. ބައެއްފަހަރު، މިންހާއަށް އާހިލްގެ އުނަގަނޑުގައިވެސް ހިފައްޓައިލެވުނެވެ. އެހެންނަމަވެސް އޭނާ އެ އަތް އަވަސް އަވަހަށް ދުރުކޮށްލައެވެ.

"ކީއްވެތަ ތި ދުރަށް ޖެހެނީ؟ އަހަރެން މީ މިންހާގެ މީހެއް ނޫންތަ؟" އާހިލް ސުވާލުކޮށްލިއެވެ.

"އައި އެމް ޔޯސް..." މިންހާ މަޑުމަޑުން ބުނެލިއެވެ.

ބްރިޖާ ކައިރި ޓްރެފިކް ލައިޓުގައި މަޑުކޮށްލިތަނާ ދަބަހުގައި އޮތް މިންހާގެ ފޯނު ރިންގްވިއެވެ.

"މިންނު ފޯނު ދޯ..." އާހިލް ސުވާލުކޮށްލިއެވެ.

"އާނ." މިންހާ ދަބަހުން ފޯނު ނަގަމުން އާއެކޭ ބުނެލިއެވެ. އޭނާ ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ގުޅަނީ އާހިލްކަމަށް ވުމާއެކު އެންމެ ފުރަތަމަވެސް އޭނާއަށް ވަށައިގެން ހޯދައިލެވުނެވެ. އަނެއްކާ ޝިޒާންއަށް އޭނާ ފެނުނީ ހެއްޔެވެ؟ އޭނާއަށް ޝިޒާން އެ ގުޅަނީ ކީއްވެހެއްޔެވެ؟

"ކިހިނެއްވީ؟ ކިހިނެއްވީތަ މިންނު؟" މިންހާ ވަށައިގެން ހޯދަން ފެށުމުން އާހިލް ސުވާލުކޮށްލިއެވެ.

"ކަމެއް... ކަމެއްނުވޭ..." ފެހި ލައިޓް ދިއްލުމާއެކު އާހިލް ސައިކަލު ދުއްވައިލިއެވެ. ބާރު ސްޕީޑުގައި އާހިލް ސައިކަލު ދުއްވަމުން ދިޔުމުގެ ސަބަބުން މިންހާއަށް މަޖުބޫރުވީ އާހިލްގެ އުނަގަނޑުގައި ހިފައްޓައިލުމަށެވެ. އެމީހުން ހުޅުމާލެއަށް ދިޔުމަށްފަހު ދިޔައީ ބީޗް ސަރަހައްދަށެވެ. އެތަނުގައި ހުރި ބެންޗްތަކުގައި ޒުވާން ފުރައިގެ ޖޯޑުތައް އިށީނދެލައިގެން ތިއްބެވެ.

ވަކި ހިސާބެއްގައި ސައިކަލު ޕާކުކޮށްލުމުން މިންހާ ފޭބިއެވެ. އާހިލްވެސް ސައިކަލުން ފޭބިއެވެ. އޭނާ މަޑުމަޑުން މިންހާގެ އަތުގައި ހިފައްޓައިލިއެވެ. ސައިކަލު ޕާކުކޮށްލި ހިސާބަކީ ތަންކޮޅެއް އަނދިރި ހިސާބަކަށް ވުމާއެކު މީހަކު ފެންނާކަށްވެސް ނެތެވެ. އާހިލް މިންހާ އޭނާއާ ކައިރިއަށް ދަމައިލިއެވެ. އެއަށްފަހު، އޭނާ މިންހާގެ ކަރުދޮށުގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ. އެއާއެކު މިންހާ ތެޅިގަނެފައި އާހިލްއާ ދުރަށް ޖެހިލިއެވެ. އާހިލްގެ އެ ކުއްލި އަމަލުން އޭނާއަށް ސިހުން ލިބުނެވެ.

"ކިހިނެއްވީ؟ ދުރަށް ނުދޭބަލަ." އާހިލް ބުނެލިއެވެ.

"އާހިލް. އަހަރެން ބޭނުން އާހިލް އާ ވާހަކައެއް ދައްކަން." މިންހާ ބުނެލިއެވެ.

"ފަހުންވެސް ވާހަކަ ދެއްކިދާނެއެއްނު. މިތަނުގައި މިތިވީ އަހަރެމެން ދެމީހުން އެކަންޏޭ. ކޮން ކަމަކާ މިންނު ހާސްވަނީ؟" އާހިލް އަނެއްކާވެސް މިންހާއޭނާއާ ގާތަށް ދަމައިލިއެވެ. އެއަށްފަހު މިންހާގެ ގައިގައި ފުރަގަަހަތުން ބައްދައިލިއެެވެ. އޭނާ މިންހާގެ ބަނޑުގައި އޭނާގެ އަތް ޖައްސައިލިއެވެ. އެއަށްފަހު އިތުރަށް އެ ދާއިރާ ހަނިކޮށްލަން މަސައްކަތް ކުރިއެވެ.

"އާހިލް. އަހަރެންމީ އަދި މީހެއްގެ އަނތްބެކޭ." މިންހާ އާހިލްގެ އަތް ދުރުކޮށްލިއެވެ.

"ކީއްވެ ދެން އަހަންނާ ތި ވާހަކަ ދައްކަނީ؟" އާހިލް ހިތްހަމަނުޖެހުނީހެން މިންހާއަށް ހީވިއެވެ. އާހިލް އެއްޗެއް ނުބުނެ ދުރު ބަލަން ފެށުމުން މިންހާ ދެރަވިއެވެ.

"އޯކޭ. ސޮރީ..." އިސްވެ މިންހާ އާހިލްގެ އަތުގައި ހިފައްޓައިލިއެވެ. އެއަށް ނަގާ އާހިލް އެ އަތަށް ބޮސް ދިނެވެ. މިންހާ އެ އަމަލު ހުއްޓުވާކަށް ނޫޅުނެވެ. އާހިލް އޭނާ ދެކެ ލޯބިވާ ކަމުގައި އޭނާއަށް ޔަޤީންކުރެވުނެވެ. އާހިލް ބުނީ އޭނާ މިންހާ ދޫކޮށްނުލާނެކަމުގައެވެ. މިންހާގެ ހިތަށް އެކަމުން އުފާވެރިކަން ލިބުނު ނަމަވެސް އޭނާގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ.

"އަހަރެން ވަރިވެގެން އަންނާނަން. އަހަރެން..."

"އައި ވިލް ވެއިޓް ފޯ ޔޫ." އާހިލް މިންހާގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ.

"ހިނގާ ދާން..." ކުޑައިރުކޮޅަކު ވާހަކަ ދައްކައިލަން ތިބެފައި މިންހާ ބުނެލިއެވެ.

"ދެން ކޮން އިރަކުން ދިމާވާނީ؟" އާހިލް ސުވާލުކޮށްލިއެވެ.

ވަރަށް އަވަހަށް..." މިންހާ ބުނެލިއެވެ. ދެމީހުންނަށް މާލެ ދެވުނުއިރު ގަޑިން ބާރަޖަހަން އުޅެނީއެވެ. މިންހާ އުޅޭ ގެއާ ހިސާބަށް އާދެވުުމުން އާހިލްއަށް އެގެއަށް ބަލައިލެވުނެވެ.

"މީތަ މިންހާ އުޅޭ ގެއަކީ؟" އާހިލްއަށް ބުނެވުނެވެ. މިންހާ ބޯ ޖަހައިލިއެވެ. ގަޑިއަށް ބަލައިލަމުން އޭނާ އާހިލްއަށް ހަނާ އަޅައިލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. މިންހާ ވަނުމުން ވެސް އާހިލް އިރުކޮޅަކު އެގެއަށް ބަލަހައްޓައިގެން އިނެވެ. މިންހާ އެ އުޅެނީ ހާދަ މުއްސަނދި ދިރިއުޅުމެކޭ އޭނާގެ ހިތަށް އެރިއެވެ. އާހިލް ސައިކަލު ދުއްވައިލީ އެފަދަ ވިސްނުން ތަކެއްގައި ހުރެފައެވެ.

މިންހާ ގޮސް ކޮޓަރިއަށް ވަތްތާ ގިނައިރެއްނުވެ ޝިޒާން އައިސް އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެއީ ދުވަހަކުވެސް ޝިޒާން ކަންތައް ކުރި ގޮތެއް ނޫނެވެ. އޭނާ އެކަނި އުޅެންޏާ އަބަދުވެސް ތަޅުނުލާ ހުއްޓަސް ވަނުމުގެ ކުރިން ޝިޒާން ޓަކި ޖަހާނެއެވެ.

"ކިހިނެއްވީ؟" މިންހާއަށް ސުވާލުކޮށްލެވުނެވެ. ޝިޒާން އެ އައި ގޮތަށް އައިސް ހުއްޓުނީ މިންހާ ކައިރީގައެވެ.

"ކޮންތާކުން ތިއައީ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"އަހަރެން ދިޔައީ ޔޫލިންއާ އެކީ..." މިންހާ ދޮގެއް ހަދައިލިއެވެ.

"ދޮގު، ކީއްވެ އަހަންނަށް ދޮގުހަދަނީ؟ އަހަންނަށް އެނގޭ މިންހާ ދިޔައީ ކާކާ އެކުކަން." ޝިޒާންގެ އެ ޖަވާބާއެކު މިންހާގެ އަނގަ ބަންދުވިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހިތުގެ ތެޅުން އަވަސްވުމާއެކު އޭނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ޝިޒާންގެ މޫނުމަތިން މިހާރު އޭނާއަށް ފެންނަނީ ނުރުހުމުގެ އަސަރެވެ. އެއީ މިހުރިހާ ދުވަސް ވީއިރުވެސް، އެމޫނުމަތިން އޭނާއަށް ފެނުނު ކުލަވަރެއް ނޫނެވެ. އޭނާ ކޮންމެ ޖެއްސުމެއް ކުރިނަމަވެސް، ޝިޒާން ދުވަަހަކުވެސް އޭނާ ދެކެ ރުޅިއެއް ނާދެއެވެ.

މިންހާ އެއްޗެއް ނުބުނުމުން ޝިޒާން މިންހާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. މިންހާ އެބުރިލަން އުޅުމާއެކު ޝިޒާން މިންހާގެ ދެ އަތުގެ މުލައްދަނޑީގައި ހިފާ ހުއްޓުވިއެވެ. އެއަށްފަހު އޭނާގެ ޓާކިޝް ގްރީން ކުލައިގެ ދެލޮލުން މިންހާގެ ދެލޮލާ ހަތަރުކަޅިހަމަކޮށްލިއެވެ.

"ކީއްވެ އާހިލްއާ އެކީ ދިޔައީ؟"

(ނުނިމޭ)