02 Feb 2022, 00:24
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް، މިއަދު ޚާލިދު ޙަސަން އެމް އޭ އަލް-ހަމާދީ އައްޔަންކޮށްފިއެވެ.
ޚާލިދަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހޯދާފައިވާ ގަތަރުގެ ރައްޔިތެކެވެ. އެގޮތުން ޚާލިދު ވަނީ އުރީދޫ މޯލްޑިވްސްގެ ބޯޑު މެންބަރެއްގެ މަގާމާއި، އުރީދޫ ގަތަރުގެ ކޮންސިއުމާ ސޭލްސްގެ ސީނިއާ ޑައިރެކްޓަރު އަދި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރު ފަދަ އިސް މަގާމުތަކުގައި މަސައްކަތް ކުރައްވާފައެވެ.
ޚާލިދަކީ މެނޭޖްމަންޓް، ކްރިއޭޓިވް އިނިޝިއޭޓިވްސް، ދެމެހެއްޓެނިވި ކުރިއެރުން، ޕްރޮސެސް ތަންފީޒުކުރުން، އަދި ތަފާސް ހިސާބުތައް ދިރާސާކުރުމުގެ ތަޖުރިބާ ލިބިފައިވާ ސަޓިފައިޑް ކޮލިޓީ އޮޑިޓަރެއްގެ އިތުރުން ސަޓިފައިޑް ޓްރެއިނިން މެނޭޖަރެކެވެ.
އުރީދޫން ވަނީ ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ނަޖީބް ޚާންއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ނަޖީބް ވަނީ ޑިޖިޓަލައިޒޭޝަން ގެ ދާއިރާގައި ރާއްޖެއާއި އުރީދުއަށް ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާދީފައެވެ. އެގޮތުން ނަޖީބްގެ ހިންގުމުގެ ދަށުން އެކުންފުނިން ވަނީ ތަފާތު ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ޑިޖިޓަލް ލައިފް ސްޓައިލް ކުރިއެރުވުމުގެ މަސައްކަތްތައް ކޮށްފައެވެ. މީގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ"، ޑިޖިޓަލް ފައިނޭންޝަން ސާވިސް "އެމް-ފައިސާ" އަދި އޮންލައިން ސްޓޯ "ކާރތީ ސްޓޯ" މެދުވެރިކޮށް މުނިފޫހި ފިލުމުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދީފައިވެއެވެ.
މީގެ އިތުރުން، ނަޖީބްގެ ލީޑާޝިޕްގެ ދަށުން އެކުންފުނިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި، ކޯޕަރޭޓްސް، ސަރުކާރު މުއައްސަސާތައް، އަދި ރިސޯޓް ބިޒްނަސްގެ ޕޯޓްފޯލިއޯ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި، ނަޖީބްގެ ހިންގުމުގެ ދަށުން އެ ކުންފުނިންވަނީ ރާއްޖޭގައި އަލަށް ޑޭޓާ ސެންޓަރެއް ގާއިމުކޮށް، މިޑޭޓާ ސެންޓަރު މެދުވެރިކޮށް ބިޒްނަސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކަނެކްޝަން އިތުރަށް ވަރުގަކޮށްދީ ސްޓޯރޭޖްއާއި ސްކިއުރިޓީ އަދި އައިޓީ ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދީފައެވެ.