މީގެ އެތައް އަހަރެއް ކުރިން ގދ. ތިނަދޫން މީހުން ބޭލުމަށް ލާއިންސާނީ އަމަލު ހިންގި މައްސަލަ ބެލުމަށް އާންމު އަޑުއެހުންތަކެއް ބާއްވަން އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހުން ނިންމައިފިއެވެ.

އިންތިގާލީ އިންސާފް އޮފީހުގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އައިޝަތު ފަތުހީ "ސަން"އަށް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ތާވަލްކޮށްފައިވަނީ މާޗް މަހުގެ ތިނަކުން ފަހަކަށް ތިނަދޫގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެވަނަ ބައިގެ ދެ އަޑުއެހުމެއް މާޗް 18 އަދި 19ގައި މާލޭގައި ބާއްވަން ތާވަލްކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތާއި މައްސަލަ ހުށަހެޅި ފަރާތްތަކާއި ބައެއް ހެކީންގެ ބަޔާން ނެގުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ވެސް އައިޝަތު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލްގެ އިތުރުން ވަކިވަކި ފަރުދުންގެ ގިނަ ބަޔަކު އެ މައްސަލައާ ގުޅޭ މައްސަލަތައް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައިގެ އަޑުއެހުންތައް ބާއްވަން ނިންމީ މި މައްސަލައަކީ ވަރަށް ތާރީޚީ މައްސަލައަކަށް ވެފައި އާންމުންގެ ޝައުގުވެރިކަން ބޮޑު މައްސައަކަށްވުމުން،" އައިޝަތު ވިދާޅުވިއެވެ.

އެ މައްސަލައިގެ ބަދަލު ހޯދަން ތިނަދޫ ކައުންސިލުން ވަނީ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފައެވެ. އަދި އެ ރަށު ކައުންސިލުން ވަނީ ބަދަލެއްގެ ގޮތުން ދައުލަތަށް ނަގާފައިވާ އިބްރާހިމް ނާސިރުގެ ގެކޮޅު، ވެލާނާގޭގެ ނަން "ތެނަދޫ ވެލާނާގެ"އަށް ބަދަލުކުރަން ހުށަހަޅާފައެވެ.

އެ މައްސަލަ ބެލުމަށް އޮމްބަޑްސް ޕާސަންގެ އޮފީހުގެ ޓީމެއް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އެރަށަށް ގޮސްފައެވެ.

"ސަން"އާ ވާހަކަ ދައްކަމުން ތިނަދޫގެ އިސް ރަށްވެއްސެއް ކަމަށްވާ ރަޝީދާ އިބްރާހިމް ބުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ އެންގެވުމަށް އޭނާ އެ މައްސަލަ ކަމާބެހޭ އިދާރާއަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް ވީކަމެއް ނެތް ކަމަށާއި އެ މައްސަލާގައި އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ރަޝީދާ ބުންޏެވެ.

"މައުމޫނުގެ އެންގެވުމާއެއްގޮތަށް އަޅުގަނޑުމެން ސިޓީ ލީ. ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންގެ ބަޔާންތައް ނެންގެވި. އެއަކުން ވީކަމެއް ނެތް،" ރަޝީދާ ބުންޏެވެ.

ތިނަދޫން މީހުން ބޭލުމުގެ ހާދިސާ ހިނގިއިރު، އުމުރުން އަށް އަހަރުގެ ރަޝީދާ ބުނީ އެކަންތައް ހިނގައިދިޔައީ އޭނާގެ ދެލޯ ކުރިމަތިން ކަމަށެވެ.

"އަޅުގަނޑުގެ ބައްޕަވީ ކޮންތާކު ކަމެއް އަދިވެސް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް އެނގޭގޮތުގައި އަޅުގަނޑުގެ ބައްޕަ ދިވެހި ސަރުކާރުގެ ވަޒީފާގައި ހުންނެވީ. ބައްޕަ އޭރު ލިޔުއްވާފަ ހުންނަ ލިޔުންތައް މިހާރުވެސް ހުންނާނެ ސަރުކާރުގެ ނޫސްތަކުގައި. ބައްޕައަށް ވީގޮތެއް، ކާފައަށް ވީގޮތެއް އަދި އަދަށްވެސް ނޭނގެ އިގޭތޯ އަޅުގަނޑަކަށް،" ރަޝީދާ ބުންޏެވެ.

އޭނާ ބުނީ ތިނަދޫން މީހުން ބޭލުވި ހާދިސާއާ ގުޅޭގޮތުން ރައީސް ނާސިރަށް ކުރާ ތުހުމަތުތަކަކީ ހަގީގަތެއް ކަމަށާއި އޭނާގެ ދެ ލޮލުން އެ މަންޒަރުތައް ފެނުނު ކަމަށެވެ.

"ތުހުމަތުތަކެއް ނޫން އިނގޭތޯ. އަޅުގަނޑުމެންގެ ލޮލަށް ފެނިފަ ހުރީ. އަނިޔާ ކުރީ ސިފައިންގެ މީހުން. މީހުންނަށް އަނިޔާކޮށް ބަނދެ، މި ހުރިހާ ކަމެއް ކުރި. ނާސިރު ވިދާޅުވެގެން ތިނަދޫން މީހުން ބާލުވާފަ އެރުވިއިރުގަވެސް ހަމަ ރީތިކޮށް ހުރި ގެތައް އެމަނިކުފާނު ވިދާޅުވެގެން އެބަހުރި ތަޅާފަ،" ރަޝީދާ ބުންޏެވެ.

ތިނަދޫގައި އަލަށް މީހުން އާބާދުކުރިތާ 55 އަހަރުވެފައިވާއިރު، އެރަށުން މީހުން ބޭލުމަކީ ރާއްޖޭގައި މިހާތަނަށް ސަރުކާރަކުން ހިންގި އެންމެ އަނިޔާވެރި ލާއިންސާނީ ޖަރީމާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.