ޑްރަގް ލޯޑެއް ބިޑި އަޅުވައި ހައްޔަރުކޮށްގެން ގެންދިއުމުން އޭނާ ފުލުހުންނަށް ދިނީ އިންޒާރެވެ. ކުރިއަށް އޮތް މިވެނި ވަގުތެއް ތެރޭގައި އެ ތަނުން ނުކުންނާނަމޭ ބުނެއެވެ. މާ ގިނައިރުތަކެއްނުވެ އޭނާ ސަލާމަތްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާގެ އޮތެވެ. އޭނާގެ ދިފާއުގައި އެތައް ބަޔަކު ނުކުންނާނެކަން ވެސް އޭނާ ދެނަހުއްޓެވެ.

އޭނާ ސަލާމަތް ކުރަން ނުކުތީ ދައުލަތުގެ މިނިސްޓަރެކެވެ. ނުވަތަ މަޖިލިސް މެންބަރެކެވެ. ނުވަތަ މަތީ ފަންތީގެ ކޮންމެވެސް އެހެން ބޭފުޅެކެވެ.

މިއީ ރާއްޖޭގެ ގޭންގްސްޓާރުން ޒަމާނުއްސުރެ އޮޕަރޭޓް ކުރާ ފެންވަރެވެ. އެ މީހުންގެ ނުފޫޒު ހުރިހާ ކަމެއްގެ ތެރެއަށް ފޯރައެވެ. ބައެއް ފަހަރަށް ސިޔާސީ މީހުންނަކީ ވެސް އެ މީހުންގެ ޕަޕެޓުންނަށް ހަދާލައެވެ. އެ މީހުން ބުނާ ކަމެއް ނުވެއްޖެނަމަ އެ ސިޔާސީ މީހުންނަށް ބިރުދައްކައެވެ. ބޭޒާރު ކޮށްލާނެކަމަށް ބުނެ "ބްލެކްމެއިލް" ކުރެއެވެ.

އެހެން އެކަން ވަނީ ވެސް ސަބަބުތަކެއް ހުރީމައެވެ. ސިޔާސީ ބޭނުންތަކަށް، ބައެއް ބޭފުޅުން ގޭންގުތަކުގެ އެހީތެރިކަން ހޯދައެވެ. ކެމްޕޭނުތަކުގައި ގޭންގުތަކަށް ފައިސާދީ ފަންޑުކޮށް ހަދައެވެ. މިއީ ދިރާސާތަކުން އެނގި ހާމަވެފައިވާ ކަންކަމެކެވެ.

"ރެޕިޑް އެސެސްމަންޓް އޮފް ގޭންގް އިން މާލެ" ގެ ނަމުގައި މީގެ ނުވަ އަހަރު ކުރިން ޑރ. އައިޝަތު އަލީ ނާޒް ހެދި ދިރާސާއިން ވަރަށް ގިނަ ކަންތައްތަކެއް އެނގުނެވެ. މާލޭގެ ފަސް އަވަށުގައި ހެދިފައިވާ ގޭންގުތަކާ ބައްދަލުކޮށް ހަދާފައިވާ އެ ދިރާސާއިން ހާމަވާގޮތުގައި ގޭންގުތަކަށް ސިޔާސީ ޕާޓީ ތަކާއި ވިޔަފާރިވެރިން ފައިސާގެ ބޮޑެތި ޚަރަދުތަކެއް ކުރެއެވެ. މިހާ ދުވަސްވީއިރު މި މައްސަލަ ހައްލުނުކުރެވި އޮތް ސަބަބަކީ އެއީ ކަމަށް ވެސް ވެދާނެއެވެ.

ގޭންގުތައް މައިތިރިކުރުމަށް "ގުޅިގެން"ގެ ނަމުގައި ނިމިދިޔަ ޖަނަވަރީ މަހުގެ 10ވަނަ ދުވަހު ސިފައިންނާއި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފެށިއެވެ. އެ އޮޕަރޭޝަން ފެށިފަހުން މާލޭގެ ގޭންގު "ކަންމަތި"ތަކުގައި ފުލުހުންނާއި ސިފައިން ފޯރިމަރައެވެ. ބައެއް ފަހަރަށް މީހުން ހުއްޓުވައި ސުވާލު ކުރާތަން ވެސް ފެނެއެވެ. ހައްޔަރުކޮށްގެން ޖިޕަށް އަރުވައިގެން ގެންދާތަން ވެސް ފެނެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "ސަން"އަށް ވިދާޅުވިގޮތުގައި މި އޮޕަރޭޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވައިލި ޓާސްކުފޯހުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެ އޮޕަރޭޝަންގެ ދަށުން މާލޭގެ ނަން މަޝްހޫރު ގޭންގެއްގެ ކަންމަތި ކައިރީ މީގެ ދެތިން ހަފްތާ ކުރިން ފުލުހުންގެ ދެ މީހަކާއި ސިފައިންގެ ދެ މީހަކު ތިއްބެވެ. ސިފައިންގެ ދެ މީހުން ތިބީ ހަތިޔާރާ ވެސް އެކުގައެވެ.

ހަމަ އެ ކަންމަތީގައި ހުރި ކެފޭއެއްގެ މަތީގައި "ޕާޓޭންތަކެއް" ތިއްބެވެ. އެ މީހުން ތިބެގެން ވާހަކަތަކެއް ދެއްކިއެވެ. އެ ތަނުގައި ތިބި ފުލުހުންނަށް އެ މީހުން ކުރީ މަލާމާތެވެ. އެ އަޑު ޖެހިގެން ހުރި މޭޒުގައިި އިން އިރު ރަނގަޅަށް އިވުނެވެ.

"އެއީ މި ހިސާބުގަނޑަށް އާ ބައެއް. އަހަރުންގެ ފެންވަރު އެނގޭ ބަޔަކަށް އެހެން އައިސް ތިބޭކަށް ނުކެރޭނެ. އަދި ސައިޒް ކޮށްލާނަން،" އެތަނުން އެކަކު ބުންޏެވެ.

ގޭންގުތައް ރަމްޒުކޮށްދޭ ގޮތަށް މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުރަހައިފައި ހުރި ގްރެފިޓީތައް މާލޭ ސިޓީ ކައުންސިލާއި ފުލުހުނާއި ސިފައިން ނުކުމެ ޖަނަވަރީ މަހުގެ 15ވަނަ ދުވަހު ނުކުމެ ފޮހެލިއެވެ. އޭގެ ތިން ދުވަސް ފަހުން ފެނުނީ ފުލުހުން "ސިއްސުވާލި" މަންޒަރެކެވެ. ފުލުހުންނަށް ހުތުރުބަަސް ލިޔެ، އަނެއްކާ ވެސް ގްރެފިޓީތައް ކުރެހީއެވެ.

އެ މީހުންނަކީ ހުއްޓުވޭނެ ބައެއް ނޫންކަމަށް ބުނެ ގޭންގުތަކުން ގޮންޖަހާލީއެވެ. އެ މީހުންގެ "ފެންވަރު" އަނެއްކާ ވެސް ދައްކާލީއެވެ.

މާލޭގެ ފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފުހެލިތާ މާ ގިނައިރުތަކެެއް ނުވަނީސް އަނެއްކާވެސް އެތަންތަނުގައި ގްރެފިޓީ ކޮށްފައި -- ސަން ފޮޓޯ

ކަންމިހެން އޮތުމުން ސުވާލަކީ ދިގުރާސްތާ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދަން އަމާޒު ހިފައިފައިވާ މި އޮޕަރޭޝަންގެ ނަތީޖާ ފެންނާނެ ބާވައެވެ. ގޭންގުތައް ސައިޒު ކުރުމަކީ ފުލުހުންނާއި ސިފައިންނަށް ފަސޭހަ ކަމަކަށް ވާނެ ބާވައެވެ.

ގޭންގުތައް ހުއްޓުވޭނެތަ؟

ގޭންގުތައް ހުއްޓުވުމަށް 2010 ވަނަ އަހަރު ދެ ގާނޫނެއް ވުޖޫދުކުރިއެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނެވެ. ފަހުން ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް ބައެއް އަދަބުތައް ބޮޑުކޮށްފައެވެ.

އަނެއްކާވެސް އެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސީޕީ ހަމީދު ވިދާޅުވިގޮތުގައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް އެ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމެވެ.

ގޭންގުތައް ކޮންޓްރޯލް ކުރުމުގެ އެންމެ މުހިންމު ހަތިޔާރެއްގެ ގޮތުގައި ފާސްކުރި ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނަށް ނުވަ އަހަރުވީއިރު، އެ ގާނޫނުގެ ދަށުން އުފުލާފައި ވަނީ އެ ދައުވާއަކީ ތޫނުއެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއަކާ ގުޅިގެން ކުރި ދައުވާއެކެވެ. އެ ގާނޫނުގެ ހަގީގީ މަގުސަދު ކަމުގައިވާ ގޭންގުތައް ކޮންޓްރޯލް ކުރުމާ ގުޅޭ ދައުވާއެއް ކުރެވިފައިނުވެއެވެ.

އެ ގާނޫނަކީ އެއްވެސް ވާތްގެއް ނެތް އެއްޗެއްކަން ފާއިތުވި މާޒީން މިވަނީ ސާބިތުވެފައެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިގޮތުގައި އެ ގާނޫނުގައިވާ އެންމެ ބޮޑު މައްސަލަ އަކީ ގޭންގެއްގެ މީހެއްކަން ސާބިތުކުރެވޭނެ ގޮތެއް ބުނެދެވިފައިނެތުމެވެ.

ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނޫނު އެކުލަވައިލުމުން ގޭންގުތަކުން ޖެހީ އެހެން މަޅިއެކެވެ. ގޭންގުތަކުގެ ނަމުގައި ކްލަބްތައް ރަޖިސްޓްރީ ކުރީއެވެ. އެހެންކަމުން އެ މީހުންނަކީ ގޭންގެއްގެ ބަޔަކަށް ނުވެއެވެ. އެއީ ކްލަބްތަކުގެ މެންބަރުންނެވެ. އެ މީހުން އެއްވާ ތަންތަނަކީ ކްލަބްތަކުގެ އޮފީސްތަކެވެ.

އުމަރު ވިދާޅުވިގޮތުގައި އެހެން އެކަން އޮތް ނަމަވެސް އިންޓެލިޖެންސް މައުލޫމާތާއި ކުށުގެ ރިކޯޑާއި އެ ސަރަހައްދަކަށް ޖަމާވާ ބަޔަކު ހިންގައިފައި ހުރި ކުށްތަކަށް ބަލައި ހޯމް މިނިސްޓަރަށް "ގޭންގު"ތައް ކަނޑައެޅެން ޖެހޭނެއެވެ.

"އެހާ ޕަވަފުލްކޮށް ތި އުސޫލު އޮންނަން ވާނީ. މިހާރު ތިއޮތް ގޮތަކަށް ތިކަމެއް ނުވާނެ،" އުމަރު ވިދާޅުވިއެވެ.

ގޭންގުތައް ހުއްޓުވޭނީ މަސްތުވާތަކެތި ހުއްޓުވައިގެން

މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި މިހާރު ބޮއްސުންލައިފައިވާ މައްސަލައެކެވެ. އެކަމަށް ހައްލެއް ހޯދަން ސަރުކާރުތަކުން މަސައްކަތް ކުރާވަރަކަށް އެކަން ވަނީ އިތުރެވެ. ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ވެސް ވަނީ ދުވަހެއް ދުވަހަކަށް އިތުރެވެ. ދުނިޔޭގައި މިހާރު ބޭނުންކުރާ އެންމެ ބާރުގަދަ ކެމިކަލް ޑްރަގްތައް ވެސް ހޮޓާތަކުން ބޮޑުގުޅަ ގަންނަން ލިބޭ އުސޫލުން އެހުރީ ލިބޭށެވެ.

ނިމިދިޔަ 2021ވަނަ އަހަރު މަސްތުވާތަކެތީގެ 1576 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 133 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

ފުލުހުން 2020ވަނަ އަހަރު ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ދޫނިދޫގައި 324 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގައި ހުޅުޖެއްސެވުމަށްފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޓާސްކުފޯހެއް އެކުލަވައިލައިފައިވާ ކަމަށެވެ. އަދި އެ ޓާސްކުފޯހުގެ ނަތީޖާ މި އަހަރު ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ސަރުކާރުން މިހާރު ބޭސްކުރަނީ ނުބައި ފަޔަކަށް ކަމަށެވެ. އެގޮތުން ބޭސްކުރަންވީ ފަޔަކީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ގޭންގުތައް ހިންގާ ބޮޑެތި މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ މޮނިކޮން ބަޔަކީ އެކަމަށްޓަކައި އެ ގާނޫނުގައި ހިމެނި ބައެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

"އެ ގާނޫނު [ޓެރަރިޒަމް މަނާކުރުމުގެ]ގައި ހުރި އަމުރުތައް ގޭންގުތަކުގެ އިސް މީހުންގެ މައްޗަށާއި މަސްތުވާތަކެތި އެތެރެ ކުރާ މީހުންގެ މައްޗަށް ހިންގައިގެން މެނުވީ މި މައްސަލަ ހައްލެއް ނުއެއް ކުރެވޭނެ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން "އަތް އަޅަނީ" ނުބައި ދިމާއެއްގައެވެ. އަތްއަޅަންވީ ތަނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނާއި ގޭންގުތައް ހިންގާ މައި މީހުންކަމަށް އުމަރު ވިދާޅުވިއެވެ.

"ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާނީ ގޭންގުތަކުން. ދެން ބޭނުންކުރާނީ އާދައިގެ ނޮން ގޭންގު މީހުން. އެއީ ކަސްޓަމަރުން. މިހާރު ފުލުހުންނާއި ސިފައިންނާ މިކުރާ ކަމަކީ ކަސްޓަމަރުން ފަހަތުން ދިއުން،" އުމަރު ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިން މިހާރު ހިންގާ އޮޕަރޭޝަންގައި ކަސްޓަމަރުންގެ ފަހަތުން ދިޔުމުގެ ބަދަަަލުގައި ދާންވީ މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި ގޭންގުތަކުގެ ބޮޑުންނާ ދިމާލަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

"އެ މީހުންނާ ދިމާލަށް މޮނިކޮން އަމުރު ހިފައިގެން ވެސް ދާންވީ. ޖަލު ހުކުންތައް ހިފައިގެން ވެސް ދާންވީ. އެއީ ދާންވީ ތަނަކީ. މިދަނީ ކަސްޓަމަރުންގެ ފަހަތުން އެކަމަކު،" އުމަރު ވިދާޅުވިއެވެ.

ގާނޫނުތައް މާ ބަލިކަށި، އުސޫލުތައް ހަރުދަނާވާން ޖެހޭ

ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ދަށުން ގޭންގު މީހުން ވަކިކުރެވޭނެ ގޮތެއް ނޯވެއެވެ. ގޭންގުތަކުގެ ސަރަހައްދު ވަކިކުރެވޭނެ މިންގަނޑެއް ވެސް ނޯވެއެވެ.

މި ގާނޫނުގައި މި "ބާގަނޑުތައް" ހުރުމުން ގާނޫނު އިސްލާހުކުރަން އުމަރު ހޯމް މިނިސްޓަރަކަށް ހުންނެވިއިރު އޭޖީ އޮފީހަށް ފޮނުވިއެވެ. އޭނާ އެތަނުން ވަކިވިއިރު ވެސް އެ އިސްލާހު އޮތީ އޭޖީ އޮފީހުގައެވެ.

އުމަރު އެ އިސްލާހުގައި ހުށަހަޅައިފައިވަނީ ގޭންގުތަކުގެ ސަރަހައްދުތަކުގެ ބިންމަތީގައި މާކެއް ޖަހާށެވެ.

"ފުލުހުން ނިންމާނެ މި ގޭންގުގެ ސަރަހައްދަކީ މީންދީއޭ. ތިމަންނަމެން މާކު ޖަހާފައޭ. މި މާކާ ސަތޭކަ މީޓަރު ކައިރިއަށް މި ލިސްޓުގައި ހިމެނޭ އެއްވެސް މީހަކަށް ނާދެވޭނޭ. އައިސް މަޑެއް ނުކުރެވޭނެއޭ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިފަދަ ބާރުތަކެއް ފުލުހުންނަށް ދީގެން ނޫނީ ގޭންގުތައް މައިތިރި ނުކުރެވޭނެ ކަމަށެވެ.

އެ އިސްލާހުގައި އިތުރަށް ވާ ގޮތުން، ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ގޭންގެއް ޖަމާވާ ސަރަހައްދަކީ ކޮބާކަން ހޯމް މިނިސްޓަރަށް ނިންމޭނެއެވެ. އަދި އެ ސަރަަހަައްދެއްގެ ބިމުގައި މާކެއް ޖެހޭނެއެވެ. އަދި އެއަށްފަހު އެތަނުގައި އެ ގޭންގަކަށް ނިސްބަތްވާ މީހުންގެ ލިސްޓެއް ހަރު ކުރެވޭނެއެވެ. އެ ލިސްޓުގައި ހިމެނޭ އެއްވެސް މީހަކު އެ މާކާ ސަތޭކަ މީޓަރު ކައިރީގައި މަޑުކުރުން ވާނީ ގާނޫނީ ކުށަކަށެވެ.

ގޭންގުތައް ހުއްޓުވޭނީ އަދަބު ދެވިގެން

ރާއްޖޭގައި ޒަމާނުއްސުރެ ކަން ހިނގާ އުސޫލު އެންމެނަށް ވެސް އެނގެއެވެ. ޖަލަށް ދާން ޖެހިދާނެތީ މިއަދު ގޭންގުތަކުގެ މީހުން ކަންބޮޑެއް ނުވެއެވެ. ހާހެއް ނުވެއެވެ. ސަބަބަކީ ސިޔާސީ މީހެއްގެ ނުފޫޒުން އެ މީހުނަށް ނުކުމެވޭނެކަން އެނގޭތީއެވެ. އަދަބު ތަންފީޒުކުރަން ނުޖެހޭނެކަން ޔަގީންވާތީއެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވިގޮތުގައި ސިޔާސީ މީހުންނާ ގުޅުން އޮންނާތީ ހުކުމް ތަންފީޒު ނުކޮށް ދޫކޮށްލައިފައި ތިބީ ކިތައް މީހުންކަން ބަލަން ޖެހެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކުށްކުރުން ހުއްޓުވޭނީ އެ ކުށް ކުރާ މީހުން ކުށްކުރަން ޖެހިލުންވެގެންނެވެ. އެފަދަ މީހުން ޖެހިލުންވާނީ އެ މީހުންނަށް ގާނޫނުގައި ހުންނަ އަދަބުތައް ދޭނެކަން ޔަގީންވަންޏާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގައި ގިނަ ކަންތައްތަކުގައި އެ މީހުންނަށް އެނގޭ، ސިޔާސީ ގޮތުން ރަނގަޅު ކަނެކްޝަންއެއް ބިލްޑު ކުރެވިއްޖިއްޔާ ކިތަންމެ ބޮޑު ކުށެއްގައި ވެސް ޖަލުގައި ހުންނަން ނުޖެހޭނެކަން،" ރިޔާޒް ވިދާޅުވިއެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު -- ފައިލް ފޮޓޯ/ މަޖިލިސް

ރިޔާޒް ގަބޫލުކުރައްވާ ގޮތުގައި ގޭންގުތައް ހުއްޓުވޭނީ ގާނޫނު ތަންފީޒުކޮށްގެންނެވެ. އަދި ތަންފީޒީ އިދާރާތައް ހަރުދަނާވާން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ގޭންގުތައް ހުއްޓުވުމަށް ޓަކައި 2010ވަނަ އަހަރު ހެދި ގާނޫނުގައި ވާތްގެއް ނެތެވެ. ދައުލަތުގެ ބައެއް އިސް ވެރިންނަށްވުރެ، ގޭންގުތަކުގެ "ދާދާތައް" މާ ވަރުގަދައެވެ.

ގޭންގުތަކުގެ "ހިސާބުގަނޑުތަކުގައި" ފުލުހުން ފޯރިމަރަން ފެށުމާއެކު ރައްޔިތުން މިހާރު އުފައްދަނީ ސުވާލެކެވެ. މި ފަހަރު ގޭންގުތައް މައިތިރި ކުރެވޭނެ ހެއްޔެވެ؟ ގޭންގުތަކަށްވުރެ ފުލުހުންނާއި ސިފައިންނަށް ވަރުގަދަ ވެވޭނެ ހެއްޔެވެ؟