02 Feb 2022, 00:10
ރާއްޖޭގެ އެނިމޭޓެޑް ފިލްމަކަށް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެއެވެ.
މި އެވޯޑު ލިބުނު "ޕެރެގޮންސް އޮފް ބިލްވާޑް" ކިޔާ މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު އެނިމޭޓަރު ޔާމިން ރަޝީދު އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ސެލްމިން އެނިމޭޝަންސް ސްޓޫޑިއޯގެ ފަރާތުން ތައްޔާރުކުރި އުފެއްދުމެކެވެ.
ސިންގަޕޫރުގައި ބޭއްވި ވޯލްޑް ފިލްމު ކާނިވަލުން މި ފިލްމަށް ލިބުނީ ކްރިޓިކްސް ޗޮއިސް އެވޯޑެވެ.
ޔާމީން ރަޝީދު އަމިއްލައަށް ލިޔެ ޑައިރެކްޓުކުރި މި ފިލްމު ކާމިޔާބު ހޯދީ އެމެރިކާ އާއި ކެނެޑާގެ އުފެއްދުންތަކާ ވެސް ވާދަކޮށްގެންކަމަށް އޭނާ ބުންޏެވެ.
ޔާމީން ރަޝީދު ބުނީ ރާއްޖޭގެ ތާރީހުގައި ފުތަމަ ފަހަރަށް އެނިމޭޓެޑް ފިލްމަކަށް އޭނާ އުފެއްދި ފިލްމުވުމުން އެކަމާ ފަޚްރުވެރިވާކަމަށެވެ. އަދި ރާއްޖެއަށް މިފަދަ ޝަރަފެއް ލިބުމަކީ ނުހަނު އުފާވާކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ވިޝުއަލް އާޓްސްގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ ޔާމީން ރަޝީދަކީ ރާއްޖެއަށް ވިޝުއަލް އާޓްސް ގެނެސްދިނުމުގެ އެއް މޭސްތިރިޔާއެވެ. އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވީ ސިޔާސީ ކަންކަމަށް އަލި އަޅުވާލައިގެން ނެރޭ މާކަނާ ޝޯގެ ތެރެއިންނެވެ.
މާކަނާ ޝޯގެ 300 އަށް ވުރެ ގިނަ އެޕިސޯޑު އެނާ ވަނީ އުފައްދާފައެވެ. މީގެ އިތުރުން ރާއްޖޭގައި އުފައްދާއި، ފުރަތަމަ ފަހަރަށް ޓެލެކާސްޓް ކުރި ކާޓޫން "އަބޫ" އަކީ ވެސް ހަމަ ޔަމީން ރަޝީދުގެ ބުރަ މަސައްކަތެވެ. އޭނާ ވަނީ ވަރަށް ގިނަ އެނިމޭޓެޑް އިޝްތިހާރުތައް ވެސް ހަދައި ބެލުންތެރިން ހެއްވާލަދީފައެވެ.