12 Mar 2012, 08:45
މިދިޔަ އަހަރު ޖަޕާނަށް އައި ވަރުގަދަ ބިންހެލުމާއި އޭގެ ފަހުން އެރި ސުނާމީގައި މަރުވި 19000 އަށްވުރެ ގިނަ މީހުންގެ ހަނދާނުގައި ޓެކްނޮލޮޖީގެ ދުނިޔޭގައި ރަސްކަން ކުރަމުން އަންނަ ޖަޕާނު ވަނީ ހިމޭން ވެފައެވެ.
މިދިޔަ އަހަރުގެ މާޗްމަހުގެ 11 ވަނަ ދުވަހު ޖަޕާނަށް އައި އެ ބިންހެލުމާއި ސުނާމީއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ނުރައްކާތެރި ނިއުކްލިއަ ކާރިސާ އޭގެ ސަބަބުން އުފެދުނު ބިންހެލުމާއި ސުނާމީއެވެ.
ކަރުނުން ފުރިފައިވާ އާއިލާތައް ޖަޕާނުގެ އިރު އުތުރުގައިވާ އަވަށްތަކަށް، އިއްޔެ ޖަމާވިއެވެ. ޖަޕާނުގެ ގަނޑިން އިއްޔެ މެންދުރުފަހު 2.46 ވުމުން އެއާއިލާތަކާއެކު މުޅި ޖަޕާނުގެ ކަންކޮޅުތަކުގައިވާ ރައްޔިތުން ހިމޭން ވެލިއެވެ.
މުއްސަނދި ޖަޕާނު ، ވަގުތުކޮޅަކަށް ނަމަވެސް ކުޑަކަކޫ މައްޗަށް ތިރިވާން ޖެހުނު އެ ހާދިސާގެ ހަނދާން އާ ކުރުމަށް ވެރިރަށް ޓޯކިޔޯގައި ބޭއްވި ހާއްސަ ހަފުލާއެއް ޝަރަފުވެރިކޮށްދެއްވީ ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީކޯ ނޯޑާ އާއި އެމްޕެރާ އަކިހީޓޯ އެވެ.
"ހަނގުރާމައަށް ފަހު ޖާޕަނަށް ކުރި މަތިވި އެންމެ ނުރައްކާތެރި އެ ހާދިސާ، ގައުމު ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނެ،" ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އަކިހީޓޯ ވިދާޅުވި އެވެ.
އަކިހީޓޯ އަދި ވިދާޅުވީ ކާރިސާގައި ގެއްލުން ލިބުނު ސަރަހައްދުތައް އަލުން އާރާސްތުކުރުމުގައި ބޮޑެތި ދަތިތައް އެބަ ހުރި ކަމަށެވެ. އަދި ގެއްލުން ލިބިފައިވާ މީހުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ޖަޕާނުގެ ހުރިހާ ރައްޔިތުން ހިތާ ހިތް ގުޅާލުމަށް އޭނާ ގޮވާލެއްވި އެވެ.
ބޮޑުވަޒީރު ޔޮޝިކޯ ނޯޑާ ވިދާޅުވީ ޖަޕާނު ރައްޔިތުންނަށް ހިތާމަތަކުން އަރައިގަނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ތަނަވަސްކަމަށް ގައުމު ގެންގޮސްދިން ފަރާތްތައް ހިތާމައިގެ ވަގުތުގައި ވެސް ހިތްވަރާއެކު ހައްލުތައް ހޯދުމަށް އެބަ ތިބި ކަމަށެވެ.
ބިންހެލުމާއި ސްނާމީ އެރި ވަގުތު ހަމަހިމޭންކަން އައި ނަމަވެސް ޖަޕާނުގެ އިރު އުތުރު ސަރަހައްދުގައި ނިއުކްލިއަ ހަކަތަ ބޭނުންކުރުމާ ދެކޮޅު އެއްވުންތައް ވެސް އިއްޔެ އޮތެވެ. އެ އެއްވުންތައް އޮތީ ބިންހެލުމާއި ސުނާމީގެ ސަބަބުން ގެއްލުން ލިބި ރޭޑިއޭޝަން ބޭރުވި ފުކުޝީމާ ޑައި އިޗީ ނިއުކްލިއަ ޕްލާންޓް ހުރި ސަރަހައްދުގައެވެ.
ފުކުޝީމާ ޑައިއިޗީ ނިއުކްލިއަ ޕްލާންޓަށް ގެއްލުންވެ، ރޭޑިއޭޝަން ބޭރުވާން ފެށުމުން އެސަރަހައްދުން 160،000 މީހުން އެހެން ހިސާބުތަކަށް ބަދަލުވާން ޖެހުނެވެ.
ބިންހެލުމާއި ސްނާމީއަށް އެއް އަހަރު ފުރުނު އިރުވެސް އެ ކާރިސާގައި ގެދޮރު ގެއްލުނު މީހުންގެ ތެރެއިން 340،000 މީހުން އަދި ވެސް ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.
އޭގެ އިތުރުން ނިއުކްލިއަ ކާރިސާގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހުނު އެތައް ބަޔަކުވެސް އެފަދަ ހިޔާތަކުގައި ދިރިއުޅެމުން ދެއެވެ.
ފުކުޝީމާ ޑައިއިޗީ ނިއުކްލިއަ ޕްލާންޓްގެ ވަށައިގެން 20 ކިލޯމީޓަރުގެ ސަރަހައްދެއް އޭގެ ފަހުން ވެފައިވަނީ އަހަރުތަކެއްގެ ފަހުން ނޫނީ މީހުންނަށް ދިރިނޫޅެވޭނެ ސަހަރަހައްދަކަށެވެ. ކަން މިހެން ހުރި ނަމަވެސް ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިކޯ ނޯޑާ ވިދާޅުވީ ކާރިސާގެ ސަބަބުން ގެއްލުން ވެފައިވާ ސަރަހައްދުތަކުގެ މީހުންނަށް ދުވަހުން ދުވަހަށް އެހީތެރިވަމުން، ގެއްލުންތަކުން އަރައިގަނެ، ޖަޕާނުނ އަލުން އުފަން ވުމަށް ވެސް ރައްޔިތުން ތިބީ އަތުގުޅާލައިގެން ކަމަށެވެ.