01 Feb 2022, 18:01
ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ފ.ނިލަންދޫގައި ކުޅެން މަސައްކަތް ކުރަމުންދާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނެފިއެވެ.
ނަވާރަ އަހަރުންދަށުގެ ޔޫތު މުބާރާތް ފެށީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެ މުބާރާތުގެ ފައިނަލް މެޗު ކުޅެން ތާވަލުކޮށްފައި އޮތީ ފެބްރުވަރީ މަހު 14ގައެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) މިއަދު "ސަން"އަށް ވިދާޅުވީ އެފްއޭއެމުން ބޭނުން ވަނީ މުބާރާތުގެ ފައިނަލް މާލެ ނުވަތަ ފ. ނިލަންދޫގައި ބޭއްވުމަށް ކަމަށެވެ. އަދި ނިލަންދޫގައި ފައިނަލް ބޭއްވުމާ މެދު ގޮތެއް ނިންމާނީ ނިލަންދޫ ދަނޑުގެ ހާލަތު ދެނެގަތުމަށް މިހާރު ކުރިއަށް ގެންދާ އިންސްޕެކްޝަން އަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންސްޕެކްޝަން ނިމި ފައިނަލް ވުމުން އެކަން އަންގާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުޓުބޯޅަ މުބާރާތްތަކުގެ ފައިނަލް މެޗުތައް މާލެއިން ބޭރުގައި ބާއްވައި، އަތޮޅުތެރޭގައި ފުޓުބޯޅައިގެ ފޯރި ގަދަ ކުރަން ސަރުކާރާއި އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ، ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު ވެސް މި އަަހަރު ކުޅުނީ އަތޮޅުތެރޭގައެވެ.
ނިމިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ރ. އަލިފުށީގައި އެ މުބާރާތުގެ ފައިނަލް މެޗު ކުޅުނުއިރު، އެއީ އެ މުބާރާތުގެ ފައިނަލް އަތޮޅު ތެރޭގައި ކުޅުނު ތިން ވަަނަ ފަހަރެވެ.
މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރަނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ފުރަތަމަ ޑިވިޝަންގެ އަށް ޓީމެވެ. އެއީ ކުލަބް އީގަލްސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބް ވެލެންސިއާ، ކުލަބް ގްރީން ސްޓްރީޓްސް، ޓީސީ ސްޕޯޓްސް ކުލަބް، ޔުނައިޓެޑް ވިކްޓްރީ ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްއެވެ.
މުބާރާތް ފަށައިގެން ކުރިއަށް ދާއިރު މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ. މި މުބާރާތުގެ ކުޅުން ދެން ކުރިއަށް ދާނީ ބުދަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރުގެ މެޗުގައި މާޒިޔާ ނިކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ. އަދި އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީސް ނިކުންނާނީ ސަސް އާ ދެކޮޅަށެވެ.
މި މުބާރާތް ކުރިއަށް ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އޭގައި އޮތީ އީގަލްސް، ދަ ގްރާންޑޭ، ސަސް، ގްރީން ސްޓްރީޓްސް އަދި މާޒިޔާއެވެ. ގުރޫޕް ބީގައި އޮތީ މަހިބަދޫ ސްޕޯޓްސް ކްލަބް، ޓީސީ، ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓްރީއެވެ.
އެންމެ ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕެއް ބާއްވާފައިވަނީ 2011 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން މުބާރާތް ބާއްވަމުން އައީ 21 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގައެވެ. އޭރު ފެށި އެ މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހުއެވެ.
އަލުން 2016 ވަނަ އަހަރު ޔޫތް ޗެމްޕިއަންޝިޕް ފަށައި، 2018 ވަނަ އަހަރު މުބާރާތް ކުރިއަށްގެންދާ އުސޫލަށް ބަދަލެއް ގެނައެވެ. އެއީ އެއް އަހަރު 19 އަހަރުން ދަށަށް ބޭއްވުމަށް ފަހު ޖެހިގެން އަންނަ ފަހަރަކު 21 އަހަރުން ދަށަށް ބާއްވައި ގޮތަށެވެ.
އެންމެ ފަހުން 2019 ވަނަ އަަހަރު ޔޫތު ޗެމްޕިއަންޝިޕް ބޭއްވިއިރު އެ އަހަތުގެ މުބާރާތާތް ކާމިޔާބުކުރީ ކުލަބް އީގަލްސްއިންނެވެ. މިހާތަނަށް 19 އަހަރުން ދަށަށް ހާއްސަކޮށްގެން ޔޫތު ޗެމްޕިއަންޝިޕް ބޭއްވީ އެންމެ ފަހަރަކުއެވެ. އެއީ 2018 ވަަނަ އަހަރުއެވެ. އެ ފަހަރު މުބާރާތް ކާމިޔާބު ކުރީ ކުލަބް ގްރީން ސްޓްރީޓްސް އިންނެވެ.