01 Feb 2022, 16:38
މޮސްކޯ (01 ފެބްރުއަރީ 2022): ޔުކްރޭންގެ މައްސަލާގައި އެމެރިކާ ދެމުން ގެންދާ އިންޒާރުތަކާއި ދައްކަމުން ގެންދާ ބިރުތަކަށް ކުޑަވެސް ޖެހިލުމެއް ނުވާކަމަށް ރަޝިއާއިން ބުނެފިއެވެ.
ރަޝިއާއިން ޔުކްރޭނަށް އަރައިގަންނަން ތައްޔާރުވަމުން ދާކަމަށާއި އެކަންކޮށްފިނަމަ ރަޝިއާ އިނދަޖައްސާލާވަރުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ބުނެ އެމެރިކާގެ އެކި ލެވެލްގެ މަސްއޫލުވެރިން އިންޒާރުތައް ދެމުން ގެންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.
މި އިންޒާރުތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގައި ހުންނަ ރަޝިއާގެ އެންބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ބިރުދެއްކުންތަކާ ގުޅިގެން ރަޝިއާ އެންމެ ތަންކޮޅެއްވެސް ފަހަތަށް ނުޖެހޭނެކަމަށާ އަދި ރަޝިއާގެ ސިޔާސަތު ތަކަށްވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައެވެ.
މި ބަޔާނުގައި ޔުކްރޭންގެ މައްސަލައަކީ ސިޔާސީ މަގްސަދުތަކެއް ހާސިލްކުރަން އެމެރިކާ އުފައްދައިގެން އުޅޭ މައްސަލައެއްކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
ވޮޝިންޓަންގައި ހުންނަ ރަޝިއާގެ އެންބަސީން މި ބަޔާން ނެރެފައިވަނީ ރަޝިއާ އުޅެނީ ޔުކްރޭނަށް އަސްކަރީ ގޮތުން އަރައިގަންނަން ކަމަށާ އެކަންކޮށްފިނަމަ ރަޝިއާ އިނދަޖައްސާލާވަރުގެ ހަރުކަށި ފިޔަވަޅުތައް އެމެރިކާގެ ބައިވެރިންނާ ގުޅިގެން ރަޝިއާއާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވުމާ ގުޅިގެންނެވެ.
ރަޝިއާ ވަނީ ޔުކްރޭނަށް އަރައިގަތުމުގެ އެއްވެސް ރޭވުމެއް އެގައުމުން ނުގެންގުޅޭ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އެމެރިކާ ގެންދަނީ ޔުކްރޭންގެ ބިން ބޭނުންކޮށްގެން ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްކަމަށް ބުނެ ރަޝިއާއިންވަނީ ޔުކްރޭނާއި ރަޝިއާ ގުޅިފައިވާ ސަރަހައްދީ ރޮނގުގެ ކައިރީގައި އެއްލައްކައަށްވުރެ ގިނަ ސިފައިން ބަރުހަތިޔާރާއެކު ރުކުރުވާލާފައެވެ.
ރަޝިއާ ބުނާގޮތުން މިއީ ދިފާއީ ގޮތުން އެޅި ފިޔަވަޅެކެވެ. ނަމަވެސް އެމެރިކާ ގެންދަނީ މިއީ ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ އެގައުމާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ސިފަކޮށް ރަޝިއާ ކޮންމެ ވަގުތަކުވެސް ޔުކްރޭނަށް އަރައިގެންފާނެކަމުގެ އިންޒާރުތައް ދެމުންނެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުން ގެންދަނީ ރަޝިއާއިން ޔުކްރޭނަށް އަރައިގަންނަން އުޅޭކަމަށް ބުނެ ޔުކްރޭނަށް ގިނަ އަދަދަކަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. އަދި ޔުކްރޭންގެ ދިފާއުގައި ރަޝިއާއާ އިންވެގެން އޮންނަ ބޯލްޓިކްގެ ގައުމުތަކަށާ އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް އެމެރިކާގެ ސިފައިން ފޮނުވާނެކަމަށްވެސް އެމެރިކާ ވަނީ ބުނެފައެވެ. ނަމަވެސް ޔުކްރޭނަށް ސިފައިން ފޮނުވުމަށް އެމެރިކާވަނީ ފަސްޖެހިފައެވެ.
މުހައްލިލުން ދެކޭގޮތުގައި އެމެރިކާ ގެންދަނީ އެގައުމުގެ އަމިއްލަ މަގްސަދުތަކެއް ހާސިލް ކުރުމަށްޓަކައި ޔުކްރޭންގެ ބޭނުން ހިފަމުންނެވެ. ނަމަވެސް ޔުކްރޭންނަށް މައްސަލައެއް ކުރިމަތިވާހިނދު އެގައުމުގެ ދިފާއުގައި އެމެރިކާ ނުތެދުވާނެ ކަމަށްވެސް މުހައްލިލުން ވިދާޅުވެއެވެ.
ޔުކްރޭންގެ މައްސަލަ އެމެރިކާ މާބޮޑުކޮށްލައިގެން ރަޝިއާއިން ޔުކްރޭނަށް އަރައިގަންނަން އުޅޭ ކަމަށް ބުނެ ދުނިޔޭގައާއި ޔުކްރޭން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އެމެރިކާ އުޅޭ ކަމަށް ވިދާޅުވެ ޔުކްރޭންގެ ރައީސް ވްލަޑީމީރު ޒިލިންސްކީވެސް ވަނީ އެމެރިކާއަށް ފާޑު ވިދާޅުވެފައެވެ. ނަމަވެސް ޒިލިންސްކީ އަކީ އެމެރިކާއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ޒިލިންސްކީގެ ފާޑު ވިދާޅުވުމާ ގުޅިގެން އެމެރިކާ ވަނީ ކަންބޮޑުވެފައެވެ.