ދިވެހިބަހުގެ އެކެޑަމީއާއި ވީޓީވީ ގުޅިގެން ބިދޭސީން، ދިވެހިބަހުން ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މުބާރާތުގެ އެއްބަސްވުން ރަމްޒުކޮށްދޭ ލިޔުމާއި މުބާރާތުގެ ގަވާއިދު ވަނީ ހަވާލުކޮށްފައެވެ.

މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. އަދި ދެވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާއިރު ތިންވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާ ލިބޭނެއެވެ.

މި މުބާރާތާ ގުޅޭގޮތުން ދިވެހިބަހުގެ އެކެޑަމީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މި މުބާރާތް އޮންނާނީ ރަމަޟާން މަހު ކަމަށެވެ. އޭނާ ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ބިދޭސީންނަށް ވެސް އޮންނާނެ ކަމަށެވެ.

"މީގެ މަގުސަދަކީ ބޭރު މީހުން ދިވެހިބަހަށް އަހުލުވެރި ކުރުވުން،" އޭނާ ވިދާޅުވިއެވެ.

މި މުބާރާތުގެ ސަބަބުން ބިދޭސީންނަށް ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ދަސްވާނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި ދިވެހީންނަށް ވެސް މި މުބާރާތުގެ އަލީގައި ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަމަޖައްސައިފައިވަނީ ދިވެހިބަހުގެ ދާއިރާއިން ވަަރަށް ފުންނާބު އުސް ތިން ބޭފުޅުންނެވެ. އެއީ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަންވަރު އިބްރާހިމާއި އައިމިނަތު ހަސަނެވެ.