ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެ އިން ކޮވިޑް ޖެހިގެން ދެ ވަނަ މީހަކު މަރުވެއްޖެއެވެ.

މިއަދު ހެނދުނު 6:51 ހާއިރު މަރުވެފައިވަނީ, ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 74 އަހަރުގެ ފިރިހެނެކެވެ. އެއާ އެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 277 އަށް އަރާފައެވެ.

އިއްޔެ އިރު އޮއްސުނުހާއިރު ވެސް ކޮވިޑްގައި ވަނީ މީހަކު މަރުވެފައެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 95 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑް ޖެހިގެން މިދިޔަ މަހު 11 މީހަކު މަރުވެފައިވެއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އަންނަނީ އިންތިހާއަށް އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް ވަނީ އެ ބައްޔަށް 2754 މީހަކު ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 1407 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.

އެކްޓިވް ކޭހުގެ އަދަދު 17،770 ގައި ހުރިއިރު އޭގެ ތެރެއިން 63 މީހަކަށް ދަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންނެވެ.