01 Feb 2022, 11:54
ބައެއް ސަބަބުތަކާހުރެ، އައިޖީއެމްއެޗާއި އެޗްޕީއޭގެ ބައެއް މުވައްޒަފުންނަށް މުސާރަ އަދި ޖަމާނުކޮށްދެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލަމްއާން މުހައްމަދު "ސަން"އަށް މިއަދު ބުނީ މުސާރަ ޖަމާކުރުން ލަސްވީ އެ މުއައްސަސާތަކުން މުސާރަ ޝީޓު ފޮނުވުން ލަސްވުމުން ކަމަށެވެ. ފިނޭންސް މިނިސްޓްރީން މުސާރަ ޖަމާކުރާނީ އެ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް މުސާރަ ޝީޓުތައް ފޮނުވުމުންނެވެ. އާއްމުކޮށް ކޮންމެ މަހެއްގެ ވެސް ފަހުކޮޅު މުސާރަ ޝީޓުތައް އިދާރާތަކުން ފޮނުވައެެވެ.
ލަމްއާން ވިދާޅުވީ މުސާރަ ޝީޓުތައް އައިޖީއެމްއެޗުން ފޮނުވީ އިއްޔެގެ ލަސް ވަގުތެއްގައި ކަމަށެވެ. އަދި މުސާރަ ޖަމާވުން ލަސްވީ އެހެންވެގެން ކަމަށާއި މިއަދުގެ ވަގުތެެއްގައި އައިޖީއެމްއެޗްގެ މުވައްޒަފުންނަށް މުސާރަ ޖަމާވާނެ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ލަމްއާން ވިދާޅުވީ އެޗްޕީއޭއިން މުސާރަ ޝީޓު ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވީ އެތަނުގެ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށެވެ. އަދި އެޗްޕީއޭއަށް މިއަދު މުސާރަ ޖަމާވާނެކަމުގެ ޔަގީންކަން ދެވެން ނެތްކަމުގައި އޭނާ ވިދާޅުވިއެވެ.
"އެޗްޕީއޭގެ ގޮތެއް އަޅުގަނޑަށް ދަންނަވާކަށް ނޭނގެ. އެކޮޅުން [އެޗްޕީއޭ]އިން ފޮނުވާލިހާ އަވަހަކަށް މިކޮޅުން [ފިނޭންސް މިނިސްޓްރީން] ޖަމާކޮށްލަދޭނެ،" ލަމްއާން ވިދާޅުވިއެވެ.
ވިލިމާލޭ ހޮސްޕިޓަލްގެ މުސާރަ ޝީޓުތައް ވެސް ފޮނުވަނީ އައިޖީއެެމްއެޗުންނެވެ. އެހެންކަމުން އެތަނުގެ މުވައްޒަފުންނަށް ވެސް އަދި މުސާރަ ޖަމާނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އައިޖީއެމްއެޗާއި އެޗްޕީއޭގެ އިތުރުން ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް ވެސް މުސާރަ ޖަމާވުން މި މަހު ލަސްވިއެވެ. ނަމަވެސް ލަމްއާން ވިދާޅުވީ ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް މުސާރަ ހުންނާނީ ޖަމާވެފައި ކަމަށެވެ.
ގާނޫނު ބުނާ ގޮތުން، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކޮންމެ މަހެއްގެ ވެސް އެއްވަނަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހޭނެއެވެ. އާއްމުކޮށް އެ ގޮތަށް އެހެން އެކަން ވީ ކަމުގައި ވިޔަސް ބައެއް ފަހަރަށް ދިމާވާ މައްސަލަތަކުގެ ސަބަބުން މުސާރަ ޖަމާވުން ލަސްވެއެވެ.