މިދިޔަ މަހުގެ އަށް ވަނަ ދުވަހު ހއ. ދިއްދޫ އާއި ށ. މިލަންދޫގައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި 23 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.


ފުލުހުން ބުނީ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު ދިއްދޫގައި ކުރި މުޒާހަރާގައި ފުލުހުންގެ މަސައްކަތް ހުއްޓުވާލި 11 މީހެއްގެ މައްސަލަ އާއި މިލަންދޫ އިން ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި 12 މީހެއްގެ މައްސަލަ ކަމަށެވެ.

ދިއްދޫ އާއި މިލަންދޫގެ އިތުރުން މިދިޔަ މަހުގެ އަށްވަނަ ދުވަހު ރާއްޖޭގެ އެކި ރަށްތަކުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އައްޑޫ ސިޓީގެ ތަންތާގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 19 މީހެއްގެ މައްސަލައާއި ފުވައްމުލަކުގެ ބައެއް ތަންތަނަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވޭ 41 މީހެއްގެ މައްސަލަ އެވެ.

މީގެ އިތުރުން ރިޔާސީ ބަޔާން އިއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ވަޑައިގަތް ވަގުތު، މަޖިލީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ލައިންތައް ފަޅާލައި އެ ސަރަހައްދުތަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައި ތުހުމަތު ކުރެވޭ 23 މީހެއްގެ މައްސަލަ ވެސް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.