ށ. ކޮމަންޑޫ ދާއިރާގައި އެއާޕޯޓެއް އަޅަން ސަރުކާރަށް މަޖުބޫރުކުރުވާނެ ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ރޭ މާލޭގަައި ބޭއްވި ރަސްމިއްޔާތެއްގައި ނާޒިމް ވިދާޅުވީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ތަރައްގީ ގެނެސްދޭ މަންޒަރު ފެންނަނީ އެ ޕާޓީން އެ ދާއިރާއަށް ބޭނުންވާ ކަންކަމުގެ ވާހަކަދައްކަން ފަށާ ފަހުން ކަމަށެވެ.

"މި ޕާޓީ ކޮމަންޑޫ ދާއިރާގެ ނަން ކިޔުމަށް ފަހުގައި އެ ދާއިރާގެ ރަށްތަކަށް ގޮސް އެ ވާހަކަދައްކަން ފެށި ހިސާބުން އެ އުންމީދުތަކުގައި ކުލަޖެހެން ފެށިއްޖެ," ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެ ބާރުގެ ބޭނުންކޮށްގެން ކޮމަންޑޫ ކައިރީ އެއާޕޯޓެއް ހެދުމަށް ސަރުކާރަށް މަޖުބޫރުކުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން އެއާޕޯޓު އެތަނަށް [ކޮމަންޑޫ ދާއިރާއަށް] ގެންނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސަރުކާރަށް މަޖުބޫރު ކުރުވާނަން، އެއަޑު ސަރުކާރަށް އިއްވާނަން," ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެ ކޮމަންޑޫ ގުޅުވާލުން ފަދަ ކަންކަމަކީ އެދާއިރާގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން އެދިއެދި ތިބި ކަންކަން ކަމަށާއި ނަމަވެސް އެކަންކަން ވެސް ފުރިހަމަވާނެ ކަމުގެ ކުލަވަރެއް ފެނުނީ އެމްއެންޕީއިން އެ ވާހަކަ ދައްކަން ފެށުމުން ކަމަށެވެ.

"އަޅުގަނޑުމެން ރިސޯޓުތައް ނެތް ވާހަކަދައްކަން ފެށީމަ ރިސޯޓުތައް ހަދަން އިއުލާނު ނެރުންތައް ފެނިއްޖެ. މަތިކޮމަންޑުއާ ގުޅާލާ ވާހަކަ ބާރުލާ ދެއްކީމަ އަޅުގަނޑުމެންނަށް އެބަފެނޭ ކޮންމެވެސް ވަރެއްގެ ކުލައެއް،" ނާޒިމް ވިދާޅުވިއެވެ.

ދާދިފަހުން ސަރުކާރުން ކޮމަންޑޫގައި އައިސްޕްލާންޓެއް ހެދުމުގެ މަޝްރޫއެއް ފެށުމުން އެކަމަށް ވެސް އޭނާ ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ވެސް ފެށުނީ އެ ޕާޓީން އެކަމުގެ މުހިއްމު ކަމުގެ ވާހަކަ ދައްކަން ފެށުމުން ކަމަށެވެ.

މީގެ އިތުރުން އެ ދާއިރާގެ ރައްޔިތުންނަށް އިގްތިސާދީ ފުރުސަތުތައް ފަހި ކޮށްދޭނީ ވެސް އެ ޕާޓީން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިދާއިރާގެ ގިނަ ބޭފުޅުންނަކީ އިހި، ބޯވަ، މިކަހަލަ މޫދުން ލިބޭ ނަފާގެ ވަރަށް ގިނަ ކަންކަން ކުރައްވާ ބޭފުޅުން. އެ ބޭފުޅުން އެ ނަންގަވައިގެން އޭގެން ނަފާ ހޯދޭނެ އެއްވެސް ގޮތެއް ނެތޭ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޕާޓީއަށް ދާއިރާގެ ގޮނޑި ލިބިއްޖެނަމަ، އެފަދަ ތަކެތި މާކެޓުކޮށް، ވިިއްކޭނެ ގޮތް ފަހިކޮށްދޭނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގައި އެއާޕޯޓެއް އަޅަން މަޖުބޫރުކުރުވާނެ ކަމަށް ނާޒިމް ވިދާޅުވެފައިވާ އިރު، އެމްއެންޕީން ވަނީ އެދާއިރާއަށް ގިނަ ވައުދުތަކެއް ވެފައެވެ. އަދި، ސަރުކާރުން ވެސް ދަނީ އެ ދާއިރާގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ.