މާލޭގައި ސައިކަލެއްގެ މަޑިދަށުން ލައްކައަކަށް ވުރެން ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އިއްޔެ ހެނދުނު 9:40 ކަންހާއިރު އެ ވައްކަން ހިނގީ ބުރުޒުމަގާއި ކަށިމާހިނގުމާ ގުޅޭ ކަންމަތީގައެވެ. އެ ސަރަހައްދުގައި ސައިކަލް ޕާކް ކޮށްފައި އޭގެ ވެރި މީހާ ޑީޑީ ކްލިނިކަށް ވަދެ، ނުކުތްއިރު އޭނާގެ ސައިކަލްގެ މަޑިދަށުގައި ބަހައްޓާފައި ހުރި ފައިސާތައް ވަނީ ވަގަށް ނަގައިފައެވެ.

އެގެ ސައިކަލް ވެރިފަރާތުގެ ރައްޓެއްސަކު "ސަން" އަށް ބުނިގޮތުގައި ވަގަށް ނަގާފައިވާ ފައިސާތަކުގެ އަދަދު 130،000 ރުފިޔާއަށްއަރައެވެ.

އެ ސައިކަލުގެ ވެރިފަރާތަކީ މަޝްހޫރު ވިޔަފާރިވެރިއެއްގެ ގާތުގައި ވަޒީފާ އަދާ ކުރާ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ވައްކަން ކުރިއިރުގެ ސީސީޓީވީ ވީޑިއޯ ފުޓޭޖް މި ނޫހަށް ވަނީ ލިބިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ވައްކަން ކޮށްފައިވަނީ މުށިކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނެކެވެ. އެ މީހާ އެ ސައިކަލް މަތީގައި ގިނައިރުތަކެއް ވަންދެން އިށީނދެ އިނދެފައި ސައިކަލްގެ މަޑިހުޅުވަނީއެވެ. އެއަށް ފަހު ކޮތަޅަކަށް ފައިސާތައް އަޅައިގެން އެ ހިސާބުން ދާއިރު އޭނާ ހުރީ މާސްކްވެސް ނާޅައެވެ.

ފުލުހުން އިއްޔެ ވަނީ އެ ވައްކަން ކުރަނިކޮށް ފެންނަ ސީސީޓީވީ ފްޓޭޖް ވެސް ގެންގޮސްފައެވެ.

މި ވައްކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ސައިކަލްގެ މަޑިދަށުގައި ބަހައްޓާފައިވާ ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާއިރު އެގޮތަށް މަޑިދަށުގައި އަގު ބޮޑު ތަކެއްޗާއި ފައިސާ ނުބަހައްޓަން ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ. ސައިކަލްގެ މަޑިދަށުން ވައްކަން ކުރުމާއި ސައިކަލްތައް ވަގަށް ނެގުމަކީ ވެސް މާލޭގައި އާއްމު ކަމެކެވެ.