އަދުލުވެރިކަމާއި އޯގާތެރިކަމާއެކު ވެރިކަން ކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ހަމައެކަނި ނަސީބަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކެންޕެއިން ކުރުމުގެ ގޮތުން ޖުމްހޫރީ ޕާޓީން އިންތިޒާމް ކޮށްގެން ރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަމީރު ވިދާޅުވީ ރައީސް ސޯލިހަކީ އޯގާތެރިކަމާއި އަޅާލުމާއި އެކުވެރިކަމާ އަދި ރަހުމަތްތެރިކަމާއެކު ވެރިކަން ކުރަން ދަންނަ އަދި އެކަމަށް އެހާމެ ފަރިތަ ލީޑަރެއް ކަމަށެވެ. އަދި ހަމަ އެއާއެކު އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމަކީ ވެސް ނުހަނު އޯގާތެރި އެހާމެ ހިންގުންތެރި ބޭފުޅެއް ކަމުގައި ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީހަކަށް އަނިޔާވެރި ވުމަށާއި މަގާމުން ވަކިކޮށް އަދި ޖެއްސުން ކުރުން ފަދަ ލާއިންސާނީ އަމަލު ތަކަކީ ރައީސް ސޯލިހް، ގަބޫލުފުޅު ކުރައްވައި ކަންކަމެއް ނޫން ކަމަށާއި އެފަދަ ދަށުދަރަޖައިގެ ކަމެއް އެމަނިކުފާނު ނުވެސް ކުރައްވާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ގައުމަށް ކުރިމަތިވި އިގްތިސޯދީ ދަތިކަމުގެ ތެރޭގައި ވެސް ރައީސް ސޯލިހް ގެންގުޅުއްވި ވިސްނުންފުޅަށް ތައުރީފް ކުރައްވަމުން ސަމީރު ވިދާޅުވީ ރައްޔިތުން ބަނޑަށް ނުޖެހި ސަލާމަތްވުމުގެ ސިއްރަކީ އެމަނިކުފާނު އިސް ކުރެއްވި ކެތްތެރިކަމާއި ބޭނުން ކުރެއްވި ހިކުމަތު އަމަލީ ކަމަށެވެ.

"ދަންނަވާނީ ތާހިރު ވެގެން ތިބެ ތާހިރު ދިރިއުޅުމެއްގެ ތެރޭގައި އަޅުގަނޑުމެން ތާހިރުކަންމަތީ މި ފަސް އަހަރު ނިންމާލައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް ފަސް އަހަރު ވެސް ރައީސް ސޯލިހަށް މި ސަބަބަށް ޓަކައި ވެސް ދޭން،" ސަމީރު ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން ދެ އަހަރު ގެއްލިގެން ދިޔަކަން ފާހަގަ ކުރައްވައި ސަމީރު ވިދާޅުވީ މި ދަތި އުނދަގޫ ހާލަތުގައި ވެސް ކޮންމެހެން ކުރާންޖެހޭ ކަންކަމާއި ރައްޔިތުން ބޭނުންވާ ކަންކަން ހުއްޓުމެއް ނެތި ރައީސް ކުރިއަށް އެބަ ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެއިން ވެސް ދޭހަ ވަނީ ރައީސް ސޯލިހްގެ ހިންގުންތެރިކަމާއި ގެންގުޅުއްވާ ދުރުވިސްނޭ، ހަރުދަނާ ސިޔާސަތު ކަމަށެވެ.

ސަމީރު ވިދާޅުވީ ރައީސް ސޯލިހަކީ ރައްޔިތުންގެ އަޑު އައްސަވައި އަދި އެ ރައްޔިތުންގެ މުހުތާދުތައް ފުއްދެވުމުގައި ވެސް ދެވަނަ މިސާލެއް ނެތް ފަދަ ބޭފުޅެއް ކަމަށެވެ.

"ހިޔާ ފްލެޓުގެ ބޭފުޅުން ވަޑައިގެން އިހްތިޖާޖުކޮށް، ކުލި ފަސް ކުރުމަށް ދެންނެވީމަ ރައީސުލްޖުމްހޫރިއްޔާ ވަރަށް ހާއްސަ ރަސްމިއްޔާތެއްގައި ކީކޭތޯ ވިދާޅުވީ. ވިދާޅުވީ މިއަދުން ފަށައިގެން ކުރިއަށް އޮތް ތިން މަސް ދުވަހަށް އެ ބޭފުޅުންގެ އަޑުއަހާ ކުލި ލަސް ކުރެއްވިއްޔޭ. ކިހާ ރީތި މިސާލެއްތޯ؟" ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދު ހޮވައި ދިނުމަކީ ރައީސް ސޯލިހް މިވަގުތު ކުރައްވަމުން އެ ގެންދަވާ މަސައްކަތާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ޓަކައި ކުރައްވައި އަގުހުރި ހިދުމަތުގެ އަގު ވަޒަން ކުރެވޭނެ ކަމެއް ކަމަށެވެ.

"ތިޔަ ބޭފުޅުންގެ އެމްޕީ މަރުހޫމް ހުސެއިން ވަހީދުގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރުމަށް ޓަކައި ވެސް ރާޝިދަށް ވޯޓު ދެއްވާ. އަޅުގަނޑު އެދެނީ އެމްޑީޕީގެ ވޯޓާ އެކީގަ އަޅުގަނޑުމެން ޕާޓީގެ ލީޑަރު ވެސް އެ ކުރައްވާ މަސައްކަތުގަ ހާއްސަކޮށް ޕީޕީއެމްގެ މީހުންވެސް ވޯޓު ދީގެން ބޮޑު ނަތީޖާއަކުން ރާޝިދު ހޮވުން،" ސަމީރު ވިދާޅުވިއެވެ.

އިތުރަށް ސަމީރު ވިދާޅުވީ ރައީސް ސޯލިހަކީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ވެސް ފަހުން އަންނާން އޮތް ޖީލަށް ނަމޫނާއެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ފިޔަވާ އެއްގޮތެއްގެ މަތީގައި ކޯލިޝަނެއް ކުރިއަށް ގެންދެވުނު ވެރިއަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.