01 Feb 2022, 08:39
ދަރީންނަށް ޓަކައި އެހެން މައިން ވެސް ކުރާފަދަ ފޮނި އުންމީދުތައް އައިޝާ[ވަނަވަރު ސިއްރު ކޮށްފައި] ވެސް ކުރިއެވެ. ދަރީންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދޭން އޭނާ ވެސް ބޭނުންވިއެވެ.
އައިޝާގެ ދިރިއުޅުން ބަދަލުވީ އޭނާގެ ކައިވެނި ރޫޅުނު ހިސާބުންނެވެ. ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެއްސުމަށް އެތައް ދައްޗަކާ އޭނާއަށް ކުރިމަތިވާން ފެށިއެވެ. ދަރީންނަށް ޓަކައި އޭނާއަށް ފަތަން ޖެހުނީ ގަދަ ކަނޑެއްގައި އޮޔާ ދެކޮޅަށެވެ.
ކައިވެނި ރޫޅުނު ހިސާބުން ހަތަރު ދަރީންގެ ޒިންމާއާ އޭނާ ހަވާލުވީ ގިނިކަންޏާއެވެ. މިއަދު އޭނާ އެވާ ގުރުބާނީއަކީ ދަރީންނަށް ޓަކައި ވާ ގުރުބާނީއެކެވެ. އޭނާ މިއަދު ކުރާ ކޮންމެ ކަމެއް ކުރަނީ ދަރީންގެ ހައްގުގައެވެ.
މައިންނަށް އެހީތެރިވުމުގައި މުޖުތަމައަށް ނަމޫނާ ދައްކަމުން އަންނަ، "މަމްސް" ޖަމިއްޔާއިން އައިޝާގެ ހާލަތު އިތުރަށް ބަލާ ހޯދިއެވެ. އަދި އައިޝާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ މީސްމީޑީއާގައި ހިއްސާކުރިއެވެ.
އައިޝާގެ ދިރިއުޅުން ހިތްދައްޗެވެ. ތަޖުރިބާ ނުކުރާ މީހަކަށް އެ ހިތްދަތިކަން ހިތަށް ގެންނަން ވެސް އުނދަގޫވާނެއެވެ. އައިޝާއާއި އޭނާގެ ދަރިން ދިރިއުޅެނީ ބާވެ ވީރާނާ ވެފައިވާ އެންމެ ކޮޓަރިއަކާއި ބަދިގެއަކާއި ހިޔާ ނުކޮށް ހުންނަ ވަޅުގިފިއްޔެއް ހުންނަ ކުޑަކުޑަ ތަންކޮޅެއްގައެވެ.
އެއީ އައިޝާގެ އަމިއްލަ ތަނެއް ނޫނެވެ. ހެޔޮއެދޭ މީހަކު އޭނާއަށް ދިރިއުޅުމަށް ދީފައިވާ ތަނެކެވެ. ވާރޭ ވެހިއްޖެނަމަ މުޅި އެ ގެ ފެންބޮޑުވާތީ އެތައް ދައްޗަކާ އައިޝާއަށް ކުރިމަތިވެއެވެ. އެތަނުގެ ފާރުތަކުގައި ހުރީ އުވަ ވެސް ނުޖަހައެވެ.
އައިޝާމެން އެ ތަނަށް މީގެ 10އަހަރު ކުރިން ދިރިއުޅުން ބަދަލުކުރި އިރު އެއީ ބޭނުންނުކޮށް އެތައް އަހަރެއް ވެފައިހުރި ތަނެކެވެ. ދިރިއުޅޭނޭ އިތުރު ތަނެއް ނެތުމުން އޭނާ އެތަނަށް ބަދަލުވީ މަޖުބޫރުވެގެންނެވެ. އެހެން ގޮތެއް ނެތިގެންނެވެ.
މަމްސް ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، އެ ޖަމިއްޔާގެ މެންބަރުންނަށް އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެ ގޭގެ ތަޅުންމަތީގައި އަޅާފައިވާ ތަރާފާލެވެ. އެ ތަރަފާލު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެެވެ.
ތަރަފާލުގެ ބޮޑުބައެއް ހަލާކުވެފައި އޮތްއިރު އައިޝާއާއި ހަތަރު ދަރިން ނިދަނީ ތަޅުމުގައި ގޮދަޑި އަޅައިގެންނެވެ. އެ ގޮދަޑިތަކާއި ބާލީސްތައް ވެސް ހުރީ ބޭނުންކުރަން ކަމުނުދާ ވަރަށް ބައުވެ ހަލާކުވެފައެވެ.
އައިޝާގެ މި ހިތްދަތި ދިރިއުޅުމަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަނީ އޭނާގެ މަންމައެވެ. މަންމަގެ އެހީތެރިކަމާއެކު ދަރީންގެ ޒަރޫރީ ބޭނުންތައް އޭނާއަށް ފުއްދައިދެވެނީ ކިރިޔާއެވެ.
އައިޝާގެ މަންމައަކީ ވެސް ކުޑަ މުސާރައެއް ލިބޭ ވަޒީފާއެއް އަދާކުރާ މީހެއް ކަމުން މާ ބޮޑު އެހީތެރިކަމެއް މަންމައަށް ވެސް ފޯރުކޮށްނުދެވެއެވެ.
ތުއްތު ދެކުދިން ގޮވައިގެން އެކަނިމާއެކަނި ދިރިއުޅެން ޖެހުމުގެ ސަބަބުން އައިޝާއަށް ވަނީ ވަޒީފާއަކަށް ދެވޭނެ މަގު ވެސް ބަންދުވެފައެވެ.
އައިޝާގެ ކުދިންނަށް އަންނައުނު ހޯދައިދެވުނު ދުވަހެއް ވެސް އޭނާގެ ހަނދާނުގައި ނުވެއެވެ. ޒަރޫރީބޭނުންތައް ވެސް ރަނގަޅަށް ހަމަ ނުޖެއްސޭއިރު ގޭގައި ލައިގެން ކާނޭ އެއްޗެއް ވެސް ހުންނަނީ މަދު ފަހަރަކުއެވެ.
ދެ ކައިވެންޏަށް އައިޝާއަށް ދަރިން ލިބިފައި ވާއިރު ކުދިންގެ ބައްޕައާއި އާއިލާގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އޭނާއަކަށް ނުލިބެއެވެ. އަދި ދެވަނަ ކައިވެނި ރޫޅުނު ފަހުން މާގިނަ ދުވަސްތަކެއް ނުވާތީ ބޭނުންވާ ބައެއް ލިޔެކިޔުން ހަމަޖެހުމުގައި ލަސްތަކެއް ވަމުން އަންނާތީ އެކަނިވެރި މައިންގެ އެލަވަންސް ވެސް އަދި ވަނީ ހަމަޖެހޭ ގޮތް ނުވެފައެވެ.
"ކުދިންނަށް ކާއެތިކޮޅެއް ނުދެވި ހުންނަން ޖެހޭ ދުވަސްވެސް ވަރަށް ގިނައިން އާދޭ.. ބައެއް ފަހަރު އިންޓަވަލްއަށް ގެންދާނޭ އެއްޗެއް ނެތުމުން ސުކޫލަށް ކުދިން ނުފޮނުވޭ ދުވަސްތައްވެސް ވަރަށް ގިނަ. މިކުދިން މިހާލުގައި ބޮޑުވާތަން ދެކެން އަޅުގަނޑުގެ ހިތަށް ވަރަށް އަސަރު ކުރޭ،" އައިޝާ ކިޔައިދިނެވެ.
މަމްސް ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ދެ ކައިވެނިން ވެސް އައިޝާއާއި އޭނާގެ ދަރިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވެއެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ކުދިންގެ ކުރިމަތީގައި އަތް އިސްކުރުމާއި އެ ކުދިންގެ ގައިގައި ތަޅާ އަނިޔާކުރުމަކީ އެ އާއިލާގައި ކޮންމެ ދުވަހަކު ވެސް ހިނގަމުން އައިސްފައިވާ ކަންކަމެވެ. ދަރިންގެ ހައްގުގައި އެ އަނިޔާވެރި ދިރިއުޅުމުން އައިޝާއަށް ސަލާމަތްވެވުނީ ވަރަށް ހިތްވަރު ކޮށްގެންނެވެ.
މަމްސްއިން ބޭނުންވަނީ އައިޝާގެ ދިރިއުޅުން ބަދަލުކޮށްލަން
އައިޝާގެެ ހާލަތު އެއްކޮށް ބެލުމަށްފަހު، މަމްސްއިން މަސައްކަތް ފަށައިގެން މިދަނީ މިކުދިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށެވެ. އެ ގޮތުން އާއިލާއަށް ބޭނުންވާ ކާބޯތަކެތި, ރީތިވާ ސާމާނު, ކުދިންގެ ނެޕީ, ގޮދަޑި, ބާލީސް, އަންނައުނު ބެހެއްޓުމަށް އަލަމާރީގެ އިތުރުން ގޭގެ ތަރަފާލު ބަދަލުކޮށް, ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހަމަކުރުމަށް މަމްސްއިން ވަނީ ފަންޑްރެއިޒިން ކެމްޕެއިނެއް ފަށާފައެވެ.
މަމްސްގެ ޕްރޮގްރާމްސް މެނޭޖަރު ފާތިމަތު އުމްރާ "ސަން"އަށް ބުނީ އައިޝާ އުޅެނީ އަމިއްލަ ތަނެއްގައި ކަމަށް ނުވާތީ، ގޭގެ ވެރިފަރާތާ ވާހަކަ ދައްކައިގެން ދިގު މުއްދަތަކަށް އައިޝާއަށް އެތަނުގައި ދައްޗެއް ނެތި އުޅެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
"ޑޮނޭޝަންސްއިިން ލިބޭ ފަންޑު ބޭނުންކޮށްގެން އެންމެ ރަނގަޅަކަށް އެތަން، ދިރިއުޅެން އެކަށީގެންވާ ފެންވަރަކަށް ހަދައިދިނުން އަޅުގަނޑުމެންގެ މަގުސަދަކީ.
މޮމްސް އެންޖީއޯއިން މީސްމީޑީއާގައި ހިއްސާކޮށްފައިވާ ގޮތުގައި މި އާއިލާއަށް އެހީވުމަށް ޖުމުލަ 183،000 ރުފިޔާ ބޭނުންވާނެއެވެ. މިހާތަނަށް 70،189 ރުފިޔާ ލިބިފައިވާއިރު އިތުރު 112،811 ރުފިޔާ ބޭނުންވެއެވެ.
މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން މޮމްސްގެ އެކައުންޓު ނަންބަރަށް ފައިސާ ފޮނުވޭނެއެވެ. އަދި ޓްރާންސްފާ ކޮށްލުމަށްފަހު މޮމްސްގެ ފޭސްބުކް ޕޭޖަށް ރިސިޕްޓް ފޮނުވާން އެ ޖަމިއްޔާއިން އެދެއެވެ.
އެކައުންޓު ނަން: Moms
އެކައުންޓު ނަންބަރު: 7730000294482
އައިޝާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން 9465212 ނުވަތަ 7688122އަށް ގުޅުމަށް މަމްސްއިން އެދެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވެވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."