ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރު ވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 95 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ މަރުވީ މިރޭ 6:17 ގައި ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 276 ވަނަ މީހާއެވެ. މިއީ މި މަހު އެ ބަލީގައި މަރުވި 11 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އަންނަނީ މަތިވަމުންނެވެ. އެގޮތުން މިވަގުތު މުޅި ރާއްޖެއިން މިބަލި ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބަލި ޖެހިގެން 2,838 މީހުން ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން 1295އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.