ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސްހުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު އެއާޕޯޓަށް ފުރަން ގޮސް ހުއްޓައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ ދިވެހި ފިރިހެނެއް ކަމަށެވެ.

"މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިދަނީ ބަލަމުން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއްނުކުރެއެވެ.

މަންޒަރު ފެނުނު މީހަކު "ސަން"އަށް ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ "ދޮވެމި" ފިހާރަ ކައިރިން ކަމަށެވެ.

ފުލުހުން އެމީހާ ހައްޔަރުކުރުމުން އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި އަޅާފައިވާ ޕެކެޓް ވަނީ ފަޅާލައިފައިވާ ކަމަށް މަންޒަރު ފެނުނު މީހާ ކިޔައިދިނެވެ. އެ ޕެކެޓުގައިވާ މަސްތުވާތަކެތި ބިންމައްޗަށް އެޅިފައިވާތަން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނެއެވެ.

ބިންމައްޗަށް އެޅިފައިވާ މަސްތުވާތަކެތި ނަގައި ފުލުހުން ވަނީ ކަރުދާސް ކޮތަޅުތަކަކަށް އަޅައިފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.