31 Jan 2022, 22:27
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ދެދުވަހުން އެއްދުވަހު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ ކްރިމިނަލް ކޯޓުގައި ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން ފަސް މަސް އަވަސްކުރުމާ ގުޅިގެން އެ ޕާޓީން މިރޭ ނެރުނު ނޫސް ބާޔާނެއްގައި ވަނީ ދެ ފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ތާރީޚްތަކަށް، އެ ދެފަރާތުގެ މަޝްވަރާއާ ނުލާ ބަދަލުގެނައުމަކީ ޖިނާއީ އިޖުރާއަތު ގާނޫނާ މުޅިން ޚިލާފުކަމެއް ކަމަށެވެ.
އެމަނިކުފާނަށް ހުކުމް އިއްވުން އަވަސް ކުރުމަކީ ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ކުރުވި ކަމެއް ކަމަށް ޕީޕީއެމްއިން ވަނީ ތުހުމަތުކޮށްފައެވެ.
ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުން އެކިއެކި ޖަލްސާތަކުގައްޔާއި ސޯޝަލް މީޑިއާގައި ރައީސް ޔާމީން ވަރަށް އަވަހަށް ޖަލަށްލާނެ ކަމަށް ބުނަމުންދިޔުމަކީ ވެސް ސަރުކާރުން އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަން ހާމަވާ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
"....އެހެންކަމުން ދަށު ކޯޓުތަކާއި ހައި ކޯޓުގައި ހިނގާ މައްސަކަތަކަށް ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ފަރާތުން ނުފޫޒު ފޯރުވައި އަތްބާނައިގެން އެމީހުން ބޭނުންވާގޮތަށް ކަންކަން ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން ނޮވެމްބަރު 25 ވަނަ ދުވަހަށް ތާވަލްކޮށްފައި ވަނިކޮށް އެ މައްސަލައިގެ ހުކުމް އިއްވުން ޖޫން 30 ވަނަ ދުވަހަށް މިއަދުވަނީ އަވަސްކޮށްފައެވެ.
ހަމައެހެންމެ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހުކުމް ވެސް އެ ދުވަހުގެ ހެނދުނު އިއްވަން ތާވަލްކުރިކަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަންގާފައެވެ.