އިނިރޭސި ޕްރިމިއާ ލީގުގެ އެވަޓަންގެ ކޯޗުކަމުގެ މަގާމަށް ފްރެންކް ލަމްޕާޑު ހަމަޖައްސައިފިއެވެ.

އެ ކުލަބުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ލަމްޕާޑު ވަނީ އެވަޓަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭނާ އެ ޓީމާ ހަވާލުވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށްކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެވަޓަންއިން އެ ޓީމުގެ ކޯޗު ކަމަށް ލަމްޕާޑު ހަަމަޖެއްސި އިރު، އެންމެ ފަހުން އެ ކުލަބުގެ ކޯޗަކަށް ހުރީ ސްޕެއިންގެ ކޯޗެއް ކަމަށްވާ ރަފައެލް ބެނިޓޭޒް އެވެ. އެ ކުލަބުން ވަނީ ދާދި ފަހުން ކޯޗުކަމުގެ މަގާމުން އޭނާ ވަކިކޮށްފައެވެ.

ކޯޗިން ކެރިއަރު 2018 ވަނަ އަހަރު ފެށި ލަމްޕާޑު އެންމެ ފުރަތަަމަ ކޯޗުކަން ކޮށްދިނީ ޑާބީ ކައުންޓީ ފުޓުބޯޅަ ކުލަބަށެވެ. އެއް އަހަރު ދުވަހަށް އެ ކުލަބަށް ކޯޗުކަން ކޮށްދިނުމަށްފަހު، 2019 ވަަނަ އަހަރު އޭނާ ވަނީ ޕްރިމިއާ ލީގުގެ ޗެލްސީގެ ކޯޗު ކަމާ ހަވާލުވެފައެވެ.

ލަމްޕާޑުގެ އިރުޝާދުގެ ދަށުން އެވަޓަން އެންމެ ފުރަތަމަ ކުޅޭނީ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ބްރެންޓްފޯޑާ ދެކޮޅަށެވެ. އެ މެޗު ކުުޅުމަށް ހަމަޖެހިފައި އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.

އެވަޓަންގެ ކޯޗުކަމާ ލަމްޕާޑު ހަވާލުވިއިރު އެ ޓީމު އޮތީ ލީގު ތާވަލްގެ 16 ވަނައިގައެވެ. އަދި ލަމްޕާޑު އެވަޓަންއާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދޭނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ވެން ޑަ ބީކް އެވަޓަންއަށް ގެނައުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.