ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެއްޗާއެކު ހުޅުމާލެ ދެވަނަ ފިޔަވަހިން ހައްޔަރުކުރި މީހުންގެ އަތުން ފެނުނު ތިޖޫރީއަކީ މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ)ގެ ހުޅުމާލެ އޮފީހުން ވަގަށްނަގާފައިވާ ތިޖޫރީއެއްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ދެ މީހުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަކެތި އަތުލައިގަނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ޕެޓްރޯލް ކުރަމުންދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން، ތިޖޫރީއެއް ހިފައިގެން ދެވަނަ ފިޔަވަހީގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުން ފިލަން މަސައްކަތްކޮށްފައިވެއެވެ. ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ތިޖޫރީއާއި އެ ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

ނަމަވެސް އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ދެވަނަ ފިޔަވަހީގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ މީހުން އަތުން ފެނުނު ތިޖޫރީ އަކީ ހުޅުމާލޭގައި ހުންނަ މީރާ އޮފީހުގެ ތިޖޫރީއެއް ކަން މިހާރު ކަށަވަރުވެފައިވާކަމަށެވެ. އެ ތިޖޫރީ ވަގަށް ނަގާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުޅުމާލޭ މިރާގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެއެވެ.

"އެ ތިޖޫރީއާއެކު ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ތަކެތި ކަމަށް ބެލެވޭ ތަކަތި ވެސް ވަނީ ހޯދާފައި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހެއްގެ އިތުރުން 24 އަހަރުގެ މީހެކެވެ.

އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.