ފުލުހުންނާއި އާމުންގެ ސައިކަލްތަކަށް ރޭ ވެސް ގެއްލުންދީފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ ރަށްދެބައި މަގުގައި ހުރި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ދެ ފުލުހެއްގެ ދެ ސައިކަލަށް އެކިވަރުގެ ގެއްލުންތައް ދިނުމަށްފަހު ސައިކަލްގެ މަޑި ތޫނު އެއްޗަކުން ކަފާލާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި އާންމުންގެ 10 ސައިކަލްގެ މަޑިވެސް ތޫނު އެއްޗަކުން ކަފާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާރަކަށް އައިސް ފުލުހުންނަށް ތަފާތު އިންޒާރުދީ ބިރުދެއްކުމަށްފަހު ފުލުހުންގެ އަމިއްލަ ވެހިކަލްފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންދީ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ހަމަލާދެމުން ދަނީ ބައެއް ސިޔާސީ ފަރާތްތަކުގެ ހިތްވަރު ލިބިގެން ކަމަށެވެ.

އަދި އެއްވެސް ފަރާތަކުން ފުލުހުންނާއި ފުލުހުންގެ އަމިއްލަ ތަކެއްޗަށާއި ޚާއްސަކޮށް ފުލުހުންގެ އާއިލާތަކަށް އަމާޒުކޮށްގެން ހަމަލާތައް ނުދިނުމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ފުލުހުން އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.