އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއަށް ކުޅޭ، ޕިއޭ އެމެރިކް އޮބަމަޔަންގް، އެ ޓީމު ދޫކޮށް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ޖެހިލައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެއްބަސްވުމުގެ ކަންކަން ނިންމުމަށް އޭނާ މިހާރު ހުރީ ބާސެލޯނާގައި ކަމަށް ކުޅިވަރު ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ވަނީ ބުނެފައެވެ. ބާސެލޯނާއަށް އޭނާ ބަދަލުވުމަށް އާސެނަލް އިން އެއްބަސްވެފައިވާ އިރު، މި ޓްރާންސްފާ މާކެޓުގައި އޭނާ އާސެނަލް ދޫކޮށްލާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

އާސެނަލްއިން އޮބަމަޔަންގު ދޫކޮށްލަން ބޭނުންވާ ސަބަބުތަކުގެ ތެރޭގައި އޭނާގެ އަހުލާގީ މައްސަލަތައް ހިމެނެއެވެ. އާސެނަލްއިން އޭނާގެ އަތުން އެ ޓީމުގެ ކެޕްޓަން ބޭންޑު ނަގާފައިވާއިރު، މި ވަގުތު އެ ޓީމުގެ ކެޕްޓަނަކީ އެލެކްސެންޑްރާ ލަކަޒެޓެވެ.

އޮބަމަޔަންގު ދޫކޮށްލައި އާސެނަލްއިން ޓީމު ވަރުގަދަކުރުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ޓީމުން ޖުންވެންޓަސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ އާތުރް މޭލޯ ގެނައުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ.

އާސެނަލްއަށް އޭނާ ކުޅެދިން 128 މެޗުގައި އޭނާ ވަނީ އެ ޓީމަށް 68 ލަނޑު ކާމިޔާބުކޮށްދީފައެވެ. އާސެނަލްއަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅެފައިވަނީ ޖަރުމަނުގެ ބުންޑަސް ލީގާގެ ބޮރޯޝިއާ ޑޯޓްމަންޑަށެވެ.