31 Jan 2022, 18:43
ލަކްޝަދީޕް ކަނޑަށް އެޅޭ ކުނި މަދުކުރުމަށް ކުރިއަށް ގެންދެވޭ ބައިނަލްއަގުވާމީ މަޝްރޫއެއް ކަމަށްވާ "ޕްރޮމިސް ޕްރޮޖެކްޓް"ގެ އަހަރީ ބައްދަލުވުމުގައި އެމްއެންޔޫއިން ބައިވެރިވެއްޖެއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި މިމަހުގެ 17އިން 20އަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އެ ޔުނިވާސިޓީއާ އެކު ޖުމްލަ 13 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި މަޝްރޫއުގައި އެމްއެންޔޫގެ އިތުރުން ހިމެނެނީ:
ނޭޝަނަލް ކްލީނާ ޕްރޮޑަކްޝަން ސެންޓަރު (ސްރީލަންކާ)
- ޕާލޭ މޯލްޑިވްސް (ދިވެހިރާއްޖެ)
- ސްޓެނަމް އޭޝިއާ (އިންޑިއާ)
- ދަ އެނާޖީ ރިސޯސް އިންސްޓިޓިއުޓް (އިންޑިއާ)
- އެޑެލްފީ (ޖަރުމަނުވިލާތް)
މި ބައްދަލުވުމުގައި ވަނީ މަޝްރޫއުގެ ފުރަތަމަ އަހަރު ނިމުނުއިރު، ލަނޑުދަނޑިތައް ހާސިލުކުރެވިފައިވާ މިންވަރު މުރާޖާކޮށް، ދެވަނަ އަހަރު ހާސިލުކުރަން ބޭނުންވާ ކަންކަން ކަނޑައެޅުނެވެ.
މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ގާއިމުކުރަން ހަމަޖެހިފައިވާ ޒީރޯ ވޭސްޓް އެލަޔަންސް އެކުލަވާލުމާއި، މިއަހަރުގެ ޕްރޮމިސް ސަސްޓެއިނެބިލިޓީ އެވޯޑު ބޭއްވުމާ ބެހޭ ގޮތުން މަޝްވަރާކުރިއެވެ.

ޕްރޮމިސް ޕްރޮޖެކްޓުގެ އަހަރީ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ
އެމްއެންޔޫއިން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ލަކްޝަދީޕް ކަނޑުގެ ސަރަހައްދަށް އެޅޭ ޕްލާސްޓިކާއި އެހެނިހެން ކުނިބުނި މަދުކުރުން ކަމަށެވެ.
އަދި އެ ޕްރޮޖެކްޓުގެ ދަށުން ހިންގާ ހަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށް ވެސް އެ ޔުނިވާސިޓީން ބުނެއެވެ.
މިއީ ޔޫރަޕިއަން ޔޫނިއަންގެ ސްވިޗް އޭޝިއާ ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.