ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން ފަސް މަސް އަވަސްކޮށްފިއެވެ.

އެ މައްސަލާގައި ރައީސް ޔާމީނަށް ހުކުމް އިއްވަން ކުރިން ތާވަލްކޮށްފައި ވަނީ ނޮވެމްބަރު 25 ވަނަ ދުވަހަށެވެ. ނަމަވެސް އެ ދުވަސް ޖޫން 30އަށް އަވަސްކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އާދަމް އާސިފް "ސަން"އަށް ވިދާޅުވިއެވެ.

އެ މައްސަލަ އަވަސްކުރީ ސަރުކާރާއި ޖޭއެސްސީ އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނުފޫޒުފޯރުވައިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވިދާޅުވެފައި ވަނީ ރޯދައިގެ ކުރިން ރައީސް ޔާމީން ޖަލަށްލާނެ ކަމަށް. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ރައީސް ޔާމީންގެ މައްސަލަ މިހާރަށްވުރެ އަވަސްކުރުމަށް ދައުރުން ބޭރުން ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ޝަރީއަތާ ގުޅޭ ފަރާތްތައް އެ ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައި. މިއީ ނުފޫޒު ފޯރުވުން ނޫން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" އާސިފް ވިދާޅުވިއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ, ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.

އެންމެ ފަހުން ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި, މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ, ޝަރީއަތް ކުރިއަށް ގެންދަނީ ދުރާލާ ތާވަލުކުރެވުނު ގޮތަށް ކަމަށެވެ.

ގާޒީ ޝަކީލް ވިދާޅުވީ ކޮންމެ މައްސަލައެއް ވެސް ކުރިއަށް ގެންދާނެ ގޮތް ނިންމަވާނީ އެ މައްސަލަ ބައްލަވާ ގާޒީއެއް ކަމަށެވެ. އަދި ވަކި މައްސަލައެއް ކުރިއަށް ގެންދިއުން މަޑުޖައްސާލުމުގެ މަގުސަދުގައި ކޯޓުގެ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ޝަރީއަށް ކުރިއަށް ގެންދެވެނީ އަވަސް އަރުވާލައިގެން ނޫން ކަމަށާއި އެކަމަކު އެއީ ދުރާލާ ތާވަލުކުރެވިގެން ކުރިއަށްދާ ކަމެއް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުން ވަނީ ޔާމީންގެ ޝަރީއަތް ލައިވް ކޮށްދިނުމަށް މީގެ ކުރިން އެދިފައެވެ. ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ. ގާޒީ ޝަކީލް ވަނީ ލައިވް ކުރާނެ ވަސީލަތްތައް ކްރިމިނަލް ކޯޓުގައި ނެތުމުން އެކަން ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި، އެ ވަސީލަތްތައް ލިބުމާއެކު އަޑުއެހުންތައް ލައިވް ކުރާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.