31 Jan 2022, 12:56
މި އަހަރު މިހާތަނަށް ވައްކަމުގެ 337 މައްސަލަ ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުލުހުންނަށް މި އަހަރުގެ މިހާތަނަށް 881 މައްސަލަ ވަނީ ހުށަހަޅައިފައެވެ.
އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމުގެ މައްސަލައެވެ. އެެގޮތުން 337 ވައްކަމުގެ މައްސަލަ ހުށަހަޅައިފައިވެއެވެ.
ދެން އެންމެ ގިނަ މައްސަލަ ހުށަހަޅައިފައިވަނީ އެއްޗެހި ގެއްލިގެންނެވެ. އެއްޗެހި ގެއްލިގެންް 115 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އަދި މަސްތުވާތަކެތީގެ 113 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން، ގެވެށި އަނިޔާގެ 23 މައްސަލައެއް ހުށަހަޅައިފައިވާއިރު ހިޔާނާތުގެ 59 މައްސަލައެއް ވެސް ވަނީ ހުށަހަަޅައިފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު މިހާތަނަށް 96 އެކްސިޑެންޓް ވެފައިވެެއެވެ. އަދި ފޭރުމުގެ 25 މައްސަލަ ވެސް ވަނީ ހުށަހަޅައިފައެވެ.
ޖިންސީ ފުރައްސާރައިގެ 27 މައްސަލައަކާއި މާރާމާރީގެ 34 މައްސަލަ ވެސް މި އަހަރުގެ މިހާތަނަށް ފުލުހުން ވަނީ ހުށަހަޅައިފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލައެވެ. އެގޮތުން، ހުށަހަޅައިފައިވަނީ 4754 ވައްކަމުގެ މައްސަލައެވެ.
އޭގެ ތެރެއިން މިދިޔަ އަހަރުގެ ޖަނަވަރީ މަހު 509 ވައްކަމުގެ މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ ޖަނަވަރީ މަހަށްވުރެ މި އަހަރުގެ ޖަނަވަރީ މަހު ވައްކަމުގެ މައްސަލަ މަދެވެ.