31 Jan 2022, 11:31
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އަށް ހަމަލާ ދިން ކަމުގެ ތުހުމަތުވާ މީހާ, އޭނާގެ އަމިއްލަ މައިންބަފައިންނަށް އިންޒާރުދީ ބިރުދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ވެހިކަލެއްގެ ޗޭނަކުން ހަމަލާދީ މަންދީގެ ބޯފަޅާލައި އަދިވެސް އިތުރު މީހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި އޭރު ހައްޔަރުކޮށްފައިވަނީ, މ. ހަނީކޯމްބް އަހްމަދު ޖަޒީލް، 39، އެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިއްޔެ 10 ދުވަސް ޖަހައިދީފައެވެ.
ހައްޔަރުކުރި މީހާއާ ދެކޮޅަށް ގިނަ ބަޔަކު ބަޔާން ދީފައިވާއިރު, އޭނާ މާރާމާރީ ހިންގާ, ބިރުދައްކާ މަރުގެ އިންޒާރުދީ މުދަލަށް ގެއްލުން ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. އިންޒާރު ދިން މީހުންގެ ތެރޭގައި އޭނާގެ އަމިއްލަ މައިންބަފައިން ހިމެނޭ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ސީންގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރުވެސް އޭނާ ވަނީ އެތަނުގައި ތިބި ބައެއް މީހުންނަށް ބިރު ދައްކައި އިންޒާރުދީފައެވެ.
އެ ބާވަތުގެ ގިނަ ކުށުގެ ރިކޯޑް އޭނާގެ އޮތްއިރު މީގެ ކުރިން ޖަޒީލަށް ވަނީ އެ ފަދަ މައްސަލައެއްގައި ހުކުމެއް ވެސް ކޮށްފައެވެ. އަދި އޭނާއާ ދެކޮޅަށް ރައްކާތެރިކަމުގެ އަމުރެއް ވެސް މީގެ ކުރިން ވަނީ ނެރެފައެވެ.