31 Jan 2022, 11:20
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މެމްބަރެއް ނެތި، ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އަލަށް 60 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.
އޭސީސީއަށް އަލަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ މައްސަލަތަކެއް ވެސް ހިމެނެއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އަލަށް މައްސަލަތަކެއް ހުށަހަޅާފައި ވީނަމަވެސް މެމްބަރެއް ނެތުމުން އެ މައްސަލަތައް ބެލޭނެ ގޮތެއް ނެތް ކަމަށެވެ.
އޭސީސީގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ކޮމިޝަންގެ މެމްބަރުންނެވެ.
އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތު ހަމަވާނީ މިއަދަށެވެ. މެމްބަރުން ކަނޑައަޅާނީ ކުރިމަތިލާ މީހުންގެ ތެރެއިން ރައީސް ފޮނުވާ ނަންތަކެއް މަޖިލީހުން ފާސްކޮށްގެންނެވެ.
މަޖިލިސް މެމްބަރެއް އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެއް އޮތްއިރު އޭސީސީގައި އެއްވެސް މެމްބަރެއް ނެތުމަކީ އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުމެކެވެ. ސަރުކާރުން އޭސީސީއަށް މެމްބަރުން ކަނޑައެޅުން ފަސް ކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަތައް ބަލައިފާނެތީ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު، އޭސީސީގެ އެންމެ ފަހުގެ ރައީސާއި މެމްބަރުން އިސްތިއުފާ ދެއްވީ އެބޭފުޅުން މަގާމުން ދުރުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައި އެ މަސައްކަތް ފެށުމުންނެވެ.
އެ ކޮމިޝަންގައި އެންމެ ފަހުން ތިއްބެވީ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲއެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އެ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ބުނެއެވެ.