ދުނިޔޭގައި ވަރަށް މަދު ކެންސަރުގެ ބާވަތަކަށް ފަރުވާ ހޯދަމުންދިޔަ އަލީ ސައިފް ލަތީފް މިއަދު ނިޔާވެއްޖެއެވެ.

ސައިފްގެ މަރާއެކު މީސްމީޑީއާގައި ގިނަ ބަޔަކު ދަނީ އޭނާ ކެންސަރު ބަލި ތަހައްމަލުކުރި އިރު ދެއްކި ހިތްވަރުގެ ވާހަކަ ދައްކަމުންނެވެ. އަދި އޭނާއަކީ ކެންސަރު ބަލީގެ ވޭނުގައި ކެތްތެރިކަން އިސްކުރި މީހެއް ކަމުގައި ވެސް އޭނާގެ ގާތް މީހުން ބުނެއެވެ.

ސައިފްގެ ކޮއްކޮ އަދި ގާނޫނީ ވަކީލު، ހަމްޒާ ލަތީފް މިއަދު ޓްވިޓާގައި ބުނީ ސައިފް މަރުވީ ފަތިހު 5:42ގައި ކަމަށެވެ.

ހަމްޒާ ބުނެފައިވަނީ އޭނާއަށް ބުނާނެ އެއްޗެއް ނޭނގޭ ކަމަށާއި ސައިފްއަކީ އޭނާއަށް ކިހައި މުހިންމު މީހެއްކަން ބަޔާންކޮށް ނުދެވޭނެ ކަމަށެވެ.

ސައިފް މަރުވިއިރު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި އޭނާ ދިޔައީ "ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ" ކިޔާ ބާވަތެއްހެ ކެންސަރަކަށް ފަރުވާ ހޯދަމުންނެވެ. އެ ބާވަތުގެ ކެންސަރު ދުނިޔޭން ވެސް ޖެހިފައިވަނީ މަދު މީހަކަށެވެ.

ސައިފްގެ ހަށިގަނޑުގައި ފުރަތަމަ ކެންސަރު އުފެދުނީ ބްލެޑާގައެވެ. ބްލެޑާގައި އުފެދުނު ޓިއުމަރެއްގެ ސަބަބުން އެ ސަރަހައްދުގެ ހުރިހާ ގުނަވަނަކަށް ކެންސަރު ފެތުރުނީއެވެ.

ސައިފްގެ މަރާއެކު ގިނަ ބަޔަކު ދަނީ މީސްމީޑީއާގައި ހިތާމަ ފާޅުކުރަމުންނެެވެ.