31 Jan 2022, 09:43
ކިޔޭވް (31 ޖަނަވަރީ 2022): ޔުކްރޭންގެ ބިން ބޭނުންކޮށްގެން ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތް ކުރަމުންގެންދާ މަސައްކަތްތަކުގެ ބައިވެރިއެއްކަމަށް ރަޝިއާއިން ތުހުމަތުކުރާ ޔުކްރޭންގެ ރައީސް ވޮލަޑިމީރު ޒިލިއަންސްކީ، ކުއްލި ގޮތަކަށް އެމެރިކާއާއި އިނގިރޭސިވިލާތަށް ވަރަށް ފާޑު ވިދާޅުވެއްޖެއެވެ.
ޒީލިއަންސްކީ ވިދާޅުވީ އެމެރިކާ އާއި އިނގިރޭސިވިލާތް އުޅެނީ ޔުކްރޭނަށް ރަޝިއާ ސިފައިން އަރައިގަންނާނެކަމަށް ބުނެ ބިރުދައްކަންކަމަށާއި އަދި ވާވަރަށްވުރެ ކަންތައްގަނޑު މާ ބޮޑުކޮށްލައިގެން އެމެރިކާއުޅޭ މަންޒަރުވެސް މިހާރު ފާހަގަ ކުރެވޭ ކަމުގައެވެ.
މީގެއިތުރުން ޔުކްރޭންގެ މައްސަލަ ހޫނުކުރުމަށްޓަކައި އެމެރިކާ ގެންދަނީ ޖާސޫސީ ރިޕޯޓްތައް ނެރެ އެކި ފަހަރު އެކިގޮތަށް ވާހަކަ ދައްކަމުން ކަމަށާއި ޔުކްރޭންގެ މައްސަލަ ހޫނުކުރުމުގައި އެމެރިކާގެ ސިޔާސީ ބޭނުމެއް އޮވެދާނެކަމުގެ ތުހުމަތުވެސް ޒިލިންސްކީ އެމެރިކާގެ މައްޗަށް ކުރެއްވިއެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުގެ އަމަލުތަކުގެ ސަބަބުން ޔުކްރޭންގެ މައްސަލަ އިތުރަށް ހޫނުވެ ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދު ކަމަށްވާ ދޮނިސްތިކް އާއި ލޮހާންސްކްގެ ބާޣީންނަށް ރަޝިއާއިން އަސްކަރީ އެހީ ފާޅުކަންބޮޑު ގޮތެއްގައި ދޭން ފަށައިފާނެކަމަށްވެސް ޒިލިއަންސްކީ ވިދާޅުވިއެވެ.
ޒިލިއަންސްކީ އަކީ އެމެރިކާއަށް ގޮސް ހުސްވެފައިވާ ބޭފުޅެއްކަމަށްވާއިރު ކުއްލިގޮތަކަށް ޔުކްރޭންގެ މައްސަލާގައި އޭނާ އެމެރިކާއާއި އިނގިރޭސިވިލާތަށް ފާޑުކިޔުމުން އެދެގައުމަށްވަނީ ސިހުން ލިބިފައެވެ. އަދި ޒިލިންސްކީގެ ސަރުކާރުގައި ތިއްބަވާ އެމެރިކާއަށް ތާއީދުކުރާ މަސްއޫލުވެރިންވެސް ވަނީ ޒިލިންސްކީ އެމެރިކާއަށް ފާޑުވިދާޅުވި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ކަންބޮޑުވެ ވަޑައިގެންފައެވެ.
އެމެރިކާ ގެންދަނީ ރަޝިއާއިން ކޮންމެ ވަގުތަކުންވެސް ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައިފާނެ ކަމަށް ބުނެ އިންޒާރުތައް ދެމުންނެވެ. ނަމަވެސް ރަޝިއާ ބުނާގޮތުގައި ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ރޭވުމެއްވެސް އަދި އެގައުމަށް އަރައިގަތުމުގެ ރޭވުމެއްވެސް ނެތެވެ.
ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައިވަނީ ޔުކްރޭންގެ ބިން ބޭނުންކޮށްގެން ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރުމަށް އެމެރިކާ އާއި ނޭޓޯ ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން ރަޝިއާގެ ދިފާއަށް ނުރައްކާވެފައިވާތީއެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުން ގެންދަނީ މިމައްސަލަ ހޫނުކުރުމަށްޓަކައި ޔުކްރޭނަށް ގިނަ އަދަދަކަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. އަދި ރަޝިއާއާ އިންވެގެން އޮންނަ ބޯލްޓިކްގެ ގައުމުތަކާއި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް އެމެރިކާއާއި ނޭޓޯގެ ގިނަ އަދަދެއްގެ ސިފައިން ފޮނުވައި ރަޝިއާއަށް ބިރު ދެއްކުމުގެ އަމަލުތަކެއްވެސް އެމެރިކާ ގެންދަނީ ހިންގަމުންނެވެ.