ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގެ ޒަރިއްޔާއިން ގެންގުޅޭ އެކިއެކި މީޑިއަމްތައް ބްލޮކް ކުރަން ދަތިތަކާ ކުރިމަތިވެފައި ވަނީ އިނގިރޭސި ބަހުން އޮތް ކޯޓު އަމުރެއް ނެތިގެން ކަމަށް "ސަން"އަށް އެނގިއްޖެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދިވެހި ބަހުން އަމުރެއް ނެރުނީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށް އެ ކޯޓަށް ހުށަހެޅުމުންނެވެ.

އޭގެ ފަހުން ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީއިރު އެ ޕޭޖްތަކާއި އެޕްތަކުގެ އިތުރުން ވެބްސައިޓްތައް އަދިވެސް އެބަ ހިންގައެވެ. ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީއަކަށް އެކަމެއް ނުހުއްޓުވުނެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެފަދަ ޕޭޖްތައް ހިންގުމަކީ ފޭސްބުކާއި ޔޫޓިއުބުގެ އިތުރުން އެޕް ސުޓޯރުތަކުގެ ގައިޑްލައިނާ ހިލާފު ކަމަކަށް ނުވާތީ ޕޭޖްތައް ބުލޮކް ކޮށްދޭން އެ ކުންފުނިތަކުން ދެކޮޅު ހަދައެވެ. ނަމަވެސް އެ ކުންފުނިތަކުން އަންގާފައިވަނީ ކޯޓު އަމުރެއް އޮވެއްޖެ ނަމަ އެކަން ބަލައި ދޭނެ ކަމަށެވެ.

"އެކޮޅަށް ހުށަހަޅަން ޖެހޭ ކޯޓު އަމުރެއް. އެ އަމުރު އޮންނަން ޖެހޭނީ އިނގިރޭސި ބަހުން. މިހާރު މިއޮތީ ދިވެހި ބަހުން އޮތް އަމުރެއް. އެހެންކަމުން އިނގިރޭސި އަމުރެއް ލިބުމުން ވާނީ،" ކަމާ ގުޅޭ އިދާރާއެއްގެ ވެރިއަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ ޕޭޖްތަކާއި އެޕްލިކޭޝަންތައް ބުލޮކް ނުކުރެވުނު ނަމަވެސް ވެބްސައިޓްތައް ފަސޭހަ ކަމާއެކު ކޮމިއުނިކޭޝަން އޮތޯރިޓީއަށް ބުލޮކް ކުރެވެއެވެ. މީގެ ކުރިން އެތައް ވެބްސައިޓެއް ބްލޮކް ކޮށްފައި ވެސް އެބަހުއްޓެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ ރަސްމީ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅިނަމަވެސް ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ރާއްޖޭގައި އެހެން ދީންތައް ފެތުރުމާ ގުޅޭ އެކިއެކި މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވެސް އަންނަނީ ފަތުރަމުންނެވެ. އެގޮތުން ޓީވީއެމްއިން ރޯދަ މަހު ދައްކާ މުހައްމަދު ރަސޫލުالله ޕްރޮގްރާމާ އެއްގޮތަށް، ދިވެހި ބަހުން އަޑުއަޅާފައި ހުންނަ ނަސާރާ ދީން ފަތުރާ ވީޑިއޯތަކެއް ވެސް އިންޓަނެޓްގައި ދައުރުކުރަމުންދެއެވެ.

ނަސާރާ ދީން ފެތުރުމަށް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކެއްގައި ޕޭޖުތަކާއި ޗެނަލްތައް އަންނަނީ ހިންގަމުންނެވެ. ޝިރުކުގެ ވާހަކަތައް ހިމެނޭ ބައެއް ވީޑިއޯތައް ގިނަ ބަޔަކަށް ދެއްކުމަށް ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތަކުގައި ހުންނަނީ ބޫސްޓްކޮށްފައެވެ. އެހެން ކުރާއިރު ވެސް ޒުވާނުންނާއި ކުޑަކުދިންނަށް ޓާގެޓް ކުރެއެވެ.