ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަނގުރާ ކޭސްތަކާއެކު ދެ މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ބަނގުރާ ފުޅިތައް ފެނުނީ މިރޭ 8:30 ހާއިރު ޖަނަވަރީމަގުގައި ހުންނަ އެ ދެ މީހުން ދިރިއުޅޭގެ ބަލައި ފާސްކުރުމުންނެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ ބަނގުރާ ފުޅި އަޅާފައިވާ 11 ފޮށިގަނޑު އެގެއިން އަތުލައިގެންފައެވެ.

"މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ ސިފައިންގެ މީހެކެވެ.

ރާއްޖޭގައި ބަނގުރާ ގެންގުޅުން ހުއްދަކޮށްފައި ވަނީ ހަމައެކަނި ރިސޯޓްތަކުގައެވެ. ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުމުގެ ކުށަށް އަދަބު ކަނޑައަޅަނީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުންނެވެ.

އެ ގާނޫނުގައި ބުނާގޮތުން ބަނގުރާ ގެންގުޅޭ މީހެއްގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 1،000 ރުފިޔާ އާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.