31 Jan 2022, 08:47
ވަރަށް އަވަހަށް ސަރުކާރު ތެރެއިންނާއި އޮފީސްތަކުގެ ތެރެއިން ވެސް އިންޑިއާ އައުޓް ގޮވަން ފަށާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބެރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިން ގާނޫނަކުން ނުހުއްޓުވޭނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް ބޭބޭފުޅުން ވެސް ވަރަށް އަވަހަށް އިންޑިއާ އައުޓް ގޮވާނެ ކަމަށާއި މިހާރު އެބޭފުޅުންނަށް ވެސް ސަރުކާރުގެ ގޮތް އެނގޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ސޯލިހުގެ އެންމެ ގާތުގައި ހުންނަވާ ސެކެޓްރީ ވެސް ވިދާޅުވާނެ ހޯހޯ އޭ، ރައީސްއޭ އިންޑިއާ އައުޓްއޭ،" ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ހާރިޖީ ސިޔާސަތަކީ ވަކި މިންތަކަކާއި ވަކި ހުދޫދުތަކެއް އެކުލެވޭ ސިޔާސަތެއް ކަމަށެެވެ.
އެހެންނަމަވެސް އެމްޑީޕީން އުޅެނީ ދިވެހިންނަކީ ތަންދޮރު ނުދަންނަ ބައެއް ކަމަށް ގަބޫލު ކޮށްގެން ކަމަށާއި އެ ޕާޓީން އުޅެނީ ޖަންގަލީގެ އުސޫލުން ވެރިކަން ކުރަން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ހަމައެއާއެކު، އިންޑިއާގެ ސިފައިން މި ގައުމުގައި ތިބުން އެއީ ރަނގަޅު ގޮތެއްކަމަށް ދިވެހި ރައްޔިތުންނަށް ގަބޫލު ނުކުރެވޭތީ، އިންޑިއާގެ އަސްކަރިއްޔާ ގައުމުން ބާލަން އުޅުމުން ގާނޫނެއް ހަދައިގެން އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށް ސައީދު ވިދާޅުވިއެވެ.
އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް އަޑުއުފުލުމާއި ހަރަކާތަށް ނިކުތުމުގެ އިތުރުން ކުރޭވޭނެ އިތުރު ކަމެއް އެބައޮތް ކަމަށާއި އެއީ މި ލިބޭ ފުރުސަތުގައި ކޮމަންޑޫ ދާއިރާގެ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުކޮށްދިނުން ކަމަށް ސައީދު ވިދާޅުވިއެވެ.
ޕީޕީއެމްއިން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާ މޫސާ ފަތުހީ އާދަމްގެ ކެމްޕޭންގައި ދަނީ ރާއްޖެއިން އިންޑިއާ އަސްކަރިއްޔާ ބޭލުމަށް ޕީޕީއެމްއަށް ވޯޓުދިނުމަށް އެދެމުންނެވެ.