31 Jan 2022, 09:37
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ އަދިވެސް ބޭނުންކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކާނަލް ވިދާޅުވީ ޝަހީދު ހުސައިން އާދަމްގެ ފޮޓޯ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ބޭނުންކުރުމަކީ ރާއްޖޭގެ މިނިވަންކަން ބޭރުގެ ބަޔަކަށް ދޫކޮށްނުލާނެކަން ރަމްޒުކޮށްދޭ ނިޝާނެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހުސައިން އާދަމް ގައުމަށްޓަކައިވީ ގުރުބާނީގެ ޒިކުރާ އާވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭނާގެ އެންމެ ފަހުގެ ވިންދާ އެއްކޮށް އަޅުގަނޑުމެންނާ ހަވާލުކުރެއްވީ އަމާނާތެއް. އަޅުގަނޑުމެން ބިރިޔާނީ ތައްޓަކަށް ވިއްކައެއް ނުލާނަމޭ. އިރާދަކުރެއްވިއްޔާ ދެން އަންނަ އިންޑިއާ އައުޓް ކެމްޕެއިނެއްގައިވެސް ޝަހީދު ހުސައިން އާދަމްގެ ފޮޓޯފުޅުތައް އެ ފޮޓޯތައް އެއަށްވުރެ މާގިނައިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭނުންކުރާނަން،" ކާނަލް ވިދާޅުވިއެވެ.
އިންޑިއާ އައުޓް ގޮވާ މީހުން ޖަލަށްލެވޭ ގާނޫނެއް ހެދުމަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތާ ގުޅޭގޮތުން އޭނާ ވިދާޅުވީ އެފަދަ ބިލެއް ތަސްދީގު ކުރުމުގެ ފުރުސަތު ޕީޕީއެމް އިން ނުދޭނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެފަދަ ބިލެއް ތަސްދީގު ކުރައްވައިފިނަމަ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ވަރަށް ޗެލެންޖްކޮށްފަ އަޅުގަނޑު މި ދަންނަވަނީ ގާނޫނުގަ ކޮންމެގޮތަކަށް ލިޔުނު ކަމުގައިވީ ނަމަވެސް އަޅުގަނޑުމެން ސުޕްރީމް ކޯޓުގައި އެ ގާނޫނު ޗެލެންޖްކުރާނަން،" އޭނާ ވިދާޅުވިއެވެ.
ކާނަލް ވިދާޅުވީ އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ގާނޫނެއް ވުޖޫދުކޮށްފާނެތީ ޕީޕީއެމްއިން ކަންބޮޑުނުވާ ކަމަށެވެ. އަދި އެފަދަ ގަނޫނެއް ހަދައި ޖޫރިމަނާ ކުރިޔަސް އެންމެ ލާރިއެއް ވެސް ނުދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިއްޔެ "ސަން"އަށް ވިދާޅުވީ އިންޑިއާ އައުޓް ގޮވުން ހުއްޓުވުމަށްޓަކައި މަޖިލީހަށް ހުށަހަޅާ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ ބިލްގައި އެފަދަ ފަރާތްތައް ޖަލަށްލުމާއި ޖޫރިމަނާ ކުރުމުގެ އަދަބުތައް ހިމެނުމަށް ވަނީ ނިންމާފައެވެ.