31 Jan 2022, 08:41
އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑް ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެޓީމުގެ ޕްރެކްޓިސްތަކާއި އަދި މެޗުތަކުގައި ބައިވެރުނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފިއެވެ.
އެ ކުލަބުން ރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ޓީމުން ވަކި ގޮތެއް އަންގަންދެން ގްރީންވުޑަށް ޔުނައިޓެޑްގެ ޕްރެކްޓިހާއި މެޗުތަކުގައި ބައިވެރިނުވެވޭނެ ކަމަށެވެ.
ޔުނައިޓެޑުން އޭނާ ސަސްޕެންޑުކޮށްފައިވާ އިރު، ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްގައި ގްރީންވުޑްގެ ލޯބިވެރިޔާއަށް އޭނާ ގެވެށި އަނިޔާކުރިކަން ދައްކުވައިދޭ ފޮޓޯތަކަކާއި ވޮއިސް ނޯޓެއް ވަނީ އާންމުވެފައެވެ. މި މައްސަލައިގައި މެންޗެސްޓާ ސަރަހައްދުގެ ފުލުހުން މިރޭ ވަނީ ގްރީންވުޑް ހައްޔަރުކޮށްފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެ ސަރަހައްދުގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި އާންމުވި ގެވެށި އަނިޔާގެ މައްސަލައެއްގައި 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ގެވެށި އަނިޔާ އާއި ރޭޕްގެ މައްސަލައަކާ ގުޅިގެން ކަމަށާއި ތަހުގީގު ނިމެންދެން މި ވަގުތަށް އޭނާ ހައްޔަރުގައި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.