ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު އަންނަ ހަފްތާގެ ތެރޭގައި ފިޔަވަޅު އަޅަން ފަށާނެ ކަމަށް ހޯމް މިނސްޓްރީން މިއަދު ބުނެފި އެވެ.

އިސްކަންދަރު ބިލްޑިންގުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް މިއަދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓަކައި ޓީމްތައް އެކުލަވާލައި ހުރިހާ ބިދޭސީން ރެޖިސްޓްރީކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަކީ ކޮބައިކަން ބަލައި އެމީހުން ދެނެގަނެ، އެކަމާ ގުޅޭ ވަރަށް ބޮޑު އޮޕަރޭޝަނެއް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން އާ މަސައްކަތެއް މިފަށަނީ، މި ކޮމިޓްމަންޓް ކުރިއަށް ގެންދާނަން. މީގެ ފެއިލިއާއެއް އަދި ސަކުސެސް ބިނާ ވާނީ ފައިސާ އާއި ޑިޕޮލޮމެޓިކް ކަންކަމާ ގުޅިގެން. މިސާލަކަށް [ގަވާއިދާ ހިލާފަށް އުޅޭ]ބަނގުލަދޭސްގެ ރައްޔިތުންތަކެއް ފޮނުވާލާ ކަމަށް ވަނީ ވިއްޔާމު ބަނގުލާދޭސް އެމްބަސީއާ ވެސް ވަރަށް ބޮޑަށް ގުޅިގެން މިކަންތައް ކުރިއަށް ގެންދާނީ،" ފަޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެ އިން ފޮނުވާލުމަށް ދިމާވާ މައްސަލައަކީ ފައިސާގެ މައްސަލަ ކަމަށާއި ބައެއް ބިދޭސީ ފަރާތްތަކުން ޑިޕޮސިޓް ފައިސާ ދައްކާފައިވާ އިރު އަނެއްބައި ފަރާތްތަކުން ޑިޕޮސިޓް ފައިސާ ނުދައްކާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި ޑިޕޮސިޓް ފައިސާ ނުދައްކާ ފަރާތްތައް އަނބުރާ ގައުމަށް ފޮނުވާލުމަށް ހޯދަން ޖެހޭ ފައިސާ ލިބޭނެ ގޮތެއް އޮތްތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކެބިނެޓުން ނިންމާފައި ވަނީ ކުރިން ލޭބަ މިނިސްޓްރީގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަށް އިމިގްރޭޝަނުގެ ދަށަށް ބަދަލްކޮށް ހަމަ އެކަނި އިމިގްރޭޝަނުން އެ މަސައްކަތްތައް ވެސް ބަލަހައްޓަމުން ގެންދަވާ ގޮތަށް ކަމަށެވެ.

"ކެބިނެޓުން ނިންމާފައި ވަނީ ލޭބާ މިނސްޓްރީން ކުރައްވަމުން ގެންދިޔަ މަސައްކަތް އިމިގްރޭޝަންއާ އެއްކޮށްލައިގެން މަސައްކަތް ކުރަން. އޭރުން ކުރިން ދިމާވަމުން ދިޔަ ކޮމިއުނިކޭޝަންގެ މައްސަލަ ހައްލުވެގެން ދާނެ،" ފަޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ވަޒީރުން ފެންވަރުގެ ސްޓިއަރިން ކޮމިޓީއެއް މިހާރު އެކުލަވާލެވިފައިވާ ކަމަށާއި އެ ކޮމިޓީން ނިންމާ ގޮތްތަކެއްގެ މައްަޗަށް ބިނާކޮށް ބިދޭސީންގެ މައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ.