30 Jan 2022, 23:26
ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 7،394 ސާމްޕަލްގެ ތެރެއިން އަނެއްކާ ވެސް 2838 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް މާލެއިން ޓެސްޓްކުރި 3،615 ސާމްޕަލްގެ ތެރެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 1،295 މީހުންނެވެ.
މީގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުން 1066 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 49 މީހުން ޕޮޒިޓިވް ވެފައިވެއެވެ.
ސަފާރީތަކުން މިއަދު އަލަށް ޕޮޒިޓިވްވީ ހަތަރު މީހުންނެވެ.
މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 136،126އަށް އަރާފައެވެ.
އެކްޓިވް ކޭހުގެ އަދަދު 17،589 ގައި ހުރިއިރު އޭގެ ތެރެއިން 53 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން އުމުރުން 66 އަހަރުގެ ދިވެހި އަންހެނަކު މިއަދު ވެސް މަރުވެފައިވާއިރު މިހާތަނަށް މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 275އަށް އަރާފައެވެ.
ކޮވިޑާއެކު ދިރިއުޅެން ދަސްކުރުމަށް މަޖުބޫރު ވެފައިވާއިރު، އެޗްޕީއޭއިން ބުނީ މި ބަލިން ތިމާ އާއި އަނެކުންގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ މުހިއްމު ކަމަކީ ގައިޑްލައިން ތަކަށް ސަމާލުކަން ދިނުމުގެ އިތުރުން އެމީހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާ ރަނގަޅަށް އަދާކުރުން ކަމަށެވެ.