ށ. ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ގާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

އައިސްޕްލާންޓު ގާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކޮމަންޑޫގައި ގާއިމްކުރާ އައިސްޕްލާންޓާއެކު 50 ޓަނުގެ އައިސް ރައްކާކުރާނެ ނިޒާމެއް ވެސް ގާއިމްކުރާނެ ކަމަށެވެ. މި މަޝްރޫޢު ފެނަކައާ ހަވާލުކޮށްފައިވަނީ ހަ މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އެ މަޝްރޫޢުއަކީ ދައުލަތުގެ ޕީއެސްއައިޕީގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލްކެޝަން ބޯމަތިވެފައިމިވާ ދަނޑިވަޅުގައި ސަރަކާރުން ދަނީ ވަރަށް ގިނަ އާ މަޝްރޫޢުތަކެއް ފަށަމުންނެވެ. އެގޮތުން ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އިތުރުން މަތި ކޮމަންޑޫއާއި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު ހިމެނެއެވެ.

މި މަޝްރޫޢުތަކަކީ އެ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޮރުވުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކެއް ކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅާފައެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ފޯރި އެ ދާއިރާގައި އަންނަނީ ގަދަވަމުންނެވެ. އިންތިޚާބު ކައިރިވެފައިވަނިކޮށް މިފަދަ މަޝްރޫޢުތައް އެ ދާއިރާގައި ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.