ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް ޓަކައި ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމްކުރި ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހުޅުވުމުން ކުށްކުރާ ކުދިންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމް ކުރަންޖެހޭ ޖުވެނައިލް ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިންމައި އެތަން މިއަދު ހުޅުވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ސެންޓަރު ހުޅުއްވައި ދެއްވުމަށް ފަހު، އިމްރާން ވިދާޅުވީ، ޖުވެނައިލް ޑިޓެންޝަން ސެންޓަރަކީ ކުށްކުރާ ކުދިންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އައްސޭރި ޖަލުގައި ގާއިމު ކުރި ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހުޅުވުން --

"ރާއްޖޭގައި ކުށްކުރާ ކުދިންގެ މައްސަލަ ހައްލު ކުރުމަށް ޓަކައި، ސަރުކާރު އައިއްސުރެ ފެށި ސިޔާސަތުގެ ދަށުން. ގާނޫނު ނަމްބަރު 18/2019ގެ ދަށުން އަޅަން ޖެހޭ މަރުކަޒުތަކުގެ ތެރެއިން، މިއަދު މިގާއިމް ކުރެވުނު މަރުކަޒަކީ، ޑިޓެންޝަން ފެސިލިޓީ. އަޅުގަނޑު ހިތުން ގާނޫނުގައި ބުނެދީފައިވާ ހުރިހާ ސިފަތައް ފުރިހަމަ ކުރެވި، އަދި ދުނިޔެ ގަބޫލުކުރާ މިންގަނޑުތަކަށް ފެތި، އަދި ކުށްކުރާ ކުދިން ގެންގުޅެވި ރިހެބިލިޓޭޓް ކުރުމަށް، އެކަށީގެންވާ ފަދަ މަރުކަޒެއް އަޅުގަނޑުމެންނަށް މިވަނީ ގާއިމް ކުރެވިފަ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ޑިޓެންޝަން ސެންޓަރު ހުޅުވިއިރު ވަނީ އެތަން ހިންގާނެ އުސޫލާއި މަސައްކަތް ކުރާނެ އޮފިސަރުން ކަނޑައަޅައި، އަދި އެ އޮފިސަރުންނަށް ތަމްރީނު ވެސް ދީފައި ކަމަށެވެ.

އެހެންކަމުން މިއީ ރާއްޖޭގައި ތިބި ކުށްކުރާ ކުދިންގެ މައްސަލައަށް، ދާއިމީ ހައްލެއް ގެނައުމަށް ޓަކައި، ކުރާ މަސައްކަތަށް ލިބުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ، އުއްމީދަކީ، އެ މަރުކަޒުތަކުގެ ސަބަބުން މިއަދު ރާއްޖޭގައި ކުށަށް ހުށައެޅި އަދި ކުށަށް އަރައިގަންނަމުންދާ ކުދިންގެ މައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް މުހިއްމު ނަތީޖާއެއް ނެރެވޭ މަސައްކަތަކަށް އެ މަސައްކަތް ވެގެން ދާނެ ކަމަށެވެ.

އިތުރަށް އިމްރާން ވިދާޅުވީ މިސެންޓަރުގެ މަސައްކަތް ކުރަމުންދާއިރު ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ވެސް އެކުގައި މަސައްކަތް ކުރެވޭނެ އިންތިޒާމެއް ވަނީ ގާއިމް ކޮށްފައި ކަމަށެވެ.