30 Jan 2022, 19:38
ރ. މުރަވަންދޫގައި ހިންގާ ޖޯލި މޯލްޑިވްސް ރިސޯޓުން މަދަނީ ތިން ޖަމިއްޔާއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ރިސޯޓުން ބުނި ގޮތުގައި މި އެހީއަކީ އާ އަހަރު ފާހަގަކުރުމުގެ މުއްދަތުގައި އެ ރިސޯޓަށް އައި ފަތުރުވެރިންނާއި، ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ފައިސާއިން ވާ އެހީއެއް ކަމަށެވެ. މިއަހަރު އެ ރިސޯޓުގެ ފަރާތުން އެހީ ދިނުމަށް ހަމަޖެހިފައިވާ ޖަމިއްޔާތަކަކީ އޮލިވް ރިޑްލީ ޕްރޮޖެކްޓް، ޒީރޯ ވޭސްޓް މޯލްޑިވްސް އަދި ވިމެން އިން ޓެކްއެވެ.
މީގެ ތެރެއިން އޮލިވް ރިޑްލީ ޕްރޮޖެކްޓަކީ ރާއްޖޭގައި ވެލާ، ކަހަނބުގެ ނަސްލު ހިމާޔަތްކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. ޒީރޯ ވޭސްޓް މޯލްޑިވްސް ހާއްސަވަނީ ކުނި މަދުކުރުމާއި، އަލުން ބޭނުންކުރެވޭނެ ގޮތްތައް ހޯދުމަށެވެ. އަދި ވިމެން އިން ޓެކް އަކީ ޓެކްގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުމުގެ މަގުސަދުގައި ހިންގާ ޖަމިއްޔާއެކެވެ.

ޖޯލި މޯލްޑިވްސް އަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި މުވައްޒަފުން އާޓިސްޓާއެކު މަސައްކަތް ކުރަނީ --- ފޮޓޯ/ ޖޯލި މޯލްޑިވްސް
މިއަދު އެ ރިސޯޓުގައި ބޭއްވި ހަފްލާއެއްގައި ޖަމިއްޔާތަކަށް އެހީ ހަވާލުކޮށްދެއްވީ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އެންވާ އާސްލަންއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އެންވާ ވިދާޅުވީ މިއަދު އެހީ ހަވާލުކުރެވުނު ޖަމިއްޔާތަކުން ރާއްޖޭގައި ކުރައްވާ މަސައްކަތަކަށް ޝުކުރުވެރިވާކަމަށެވެ.
"ދިވެހި މުޖުތަމައަކީ ދިރިއުޅުމަށް ރަނގަޅު ވެއްޓަކަށް ހެދުމަށާއި، އަދި ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ތިމާވެށި ރައްކާތެރި ކަމާއެކު ގެންގޮސްދިނުމަށް ޖަމިއްޔާތަކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މިއީ މުހިއްމު އެހީއަކަށް ވާނެ ކަމަށް ގަބޫލުކުރަން،" ޖެނެރަލް މެނޭޖަރު ވިދާޅުވިއެވެ.
މި ހަރަކާތަށް ފައިސާ އެއްކުރުމުގެ ގޮތުން ރިސޯޓަށް ޒިޔާރަތްކުރި ފަތުރުވެރިން ވަނީ ރިސޯޓުގެ އާޓިސްޓާއެކު ބައެއް މަސައްކަތްތައް ވެސް ކޮށްފައެވެ. އެގޮތުން، އެމީހެއްގެ އަމިއްލަ ސްޓައިލްގައި މުށި ބޭނުންކޮށްގެން މަސްތަކެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި އެ މަސް ބޭނުންކޮށްގެން ތިން އާޓުވޯކް ވަނީ ތައްޔާރުކޮށްފައެވެ.

ޖޯލި މޯލްޑިވްސް އަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި މުވައްޒަފުން އާޓިސްޓާއެކު ކުރި މަސައްކަތްތަކުގެ ތެރެއިން --- ފޮޓޯ/ ޖޯލި މޯލްޑިވްސް
ޖޯލި މޯލްޑިވްސްގެ ސީއެސްއާރު މަސައްކަތްތައް ކުރަމުން އަންނަނީ "ޖޯއި އޮފް ކެއަރިން" މި ޝިއާރުގެ ދަށުންނެވެ. އަދި މީގެ ދަށުން ހަތަރު ދާއިރާއަކަށް ހަތަރު ޝިއާރެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ތިމާވެށީގެ ދާއިރާއަށް "ޖޯއި އޮފް ޕްރިޒާވިން"، އިޖުތިމާއީ ދާއިރާއަށް "ޖޯއި އޮފް ސަޕޯޓިން"، އަންހެނުން ބާރުވެރި ކުރުވުމުގެ ދާއިރާއަށް "ޖޯއި އޮފް އެމްޕަވަރިން" އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއަށް "ޖޯއި އޮފް ކޮންޒާވިން" ވަނީ ހަމަޖައްސާފައެވެ.