11 Mar 2012, 20:17
ޔުޓިލިޓީޒް ކުންފުނިތަކާއި ހެލްތް ސާވިސަސް ކޯޕަރޭޝަންތައް އެއް އޮނިގަނޑެއްގެ ދަށުން ހިންގުމަށް، ޔޫޓިލިޓީޒް ކުންފުނިތަކާއި ހެލްތް ސާވިސަސް ކޯޕަރޭޝަންތަކުގެ ބޯޑުތަކުގައި ތިއްބެވި ބޭފުޅުން މިއަދު މަގާމު ވަކިކޮށްފި އެވެ.
އެބޭފުޅުން މިއަދު މަގާމުން ވަކި ކުރި އިރު ހުރިހާ ޔޫޓިލިޓީޒް ކުންފުނިތަކަށް ހަތް ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަގުތީ ބޯޑަކާއި، ހުރިހާ ހެލްތް ސާވިސަސް ކޯޕަރޭޝަންތަކަށް ހަތް ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަގުތީ ބޯޑެއް ވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވީ، ޔޫޓިލިޓީޒް ކުންފުނިތަކާއި، ހެލްތް ސާވިސަސް ކޯޕަރޭޝަންތައް ހިންގާނެ އުޞޫލުތަކެއް ކަނޑައެޅުއްވުމަށް ބޭނުންވާ ފަންނީ ލަފާ ދެއްވުމަށާއި، އެކަންކަން މުރާޖާކޮށް އިތުރަށް ހަރުދަނާ ކުރަން ހުށަހަޅަންޖެޙޭ ކަންކަން ކުރުމަށް ކަމަށެވެ.
ޔުޓިލިޓީ ކުންފުނިތަކާއި ހެލްތު ކޯޕަރޭޝަންތަކުގެ ބޯޑު އުވާލެއްވި އިރު މީގެ ކުރިން ރައީސް ވަހީދު ވަނީ ޔުޓިލިޓީ ކުންފުނިތަކާ ހެލްތް ކޯޕަރޭޝަންތަކުގެ މަސައްކަތްތައް މުރާޖާކޮށް ހަރުދަނާކުރަން ދެ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.
އެގޮތުން ޔުޓިލިޓީ ކުންފުނިތަކުގެ މަސައްކަތްތައް މުރާޖާ ކޮށް ހަރުދަނާކުރަން އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މ. އާސްތާނާ، އިބްރާހީމް ޢާޠިފް ޝަކޫރާއި މ.ހަނީޑިއު، މުޙައްމަދު އަޙްމަދުދީދީ އާއި ހއ.ތަކަންދޫ، ފިޔާތޮށިގޭ ޑރ. ޢަބްދުﷲ ފިރާޤާއި މއ. ހަވާނާ މުޙަންމަދު ފާއިޒާއި ގައުމީ ޕާޓީގެ ނައިބު ރައީސް ރ. ހުޅުދުއްފާރު ނާރެސް ޢަބްދުލްމަތީން މުޙައްމަދާއި ގއ. ދެއްވަދޫ، ދިލްޝާދުގޭ ޝިމާދު އިބްރާހީމާއި މ. ކޮކާ ހަނދުވަރު މުޙަންމަދު ނިމާލެވެ.
ހެލްތް ސާވިސަސް ކޯޕަރޭޝަންތަކުގެ މަސައްކަތްތައް މުރާޖަޢާކޮށް، ހަރުދަނާކުރަން އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މ.މުލީގޭ އިބްރާހީމް މުޙައްމަދާއި މ. މުއްދޫ މުހައްމަދު އިޔާދު ޙަމީދާއި ތ. ގުރައިދޫ މެދުގޭ، މުޙަންމަދު އިބްރާހީމްމަނިކާއި ސ. މީދޫ ހުދުވިލާގޭ ޑރ. ޑރ. ޢަބްދުﷲ ޢަފީފާއި ހ. ތިޔަރަ، އާމިނަތު ރަޝީދާ އަބޫބަކުރާއި ހއ. ހޯރަފުށީ ޓިއުލިޕްމާގޭ ޝަރީފު މުޙައްމަދާއި މ. ފަތަހަ، ހުސައިން ފަހުމީ އެވެ.