30 Jan 2022, 15:47
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރާލިކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ މާވީންއާއި ފިރިމީހާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ނަރުސް ކަން ކުރުމުގެ ހުއްދަ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން މިއަދު ބާތިލުކޮށްފިއެވެ.
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދެ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި ޖިނާއީ ދައުވާއެއް އުފުލައިފައިވާތީ، ނަރުހެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ އަދި ރަޖިސްޓްރީ ބާތިލުކޮށްފައިވާ ކަމަށެވެ.
އެއާއެކު އެ ކައުންސިލްގެ ނަރުހުންގެ ދަފްތަރުން ދެ މީހުންގެ ނަން ދާއިމީކޮށް އުނިކޮށްފައިވާކަމަށް ވެސް ބުނެފައިވެއެވެ.
މި ދެމީހުންގެ ތެރެއިން މާވިންގެ މައްޗަށް އުފުލައިފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މާވީންގެ މައްޗަށް އެ ދައުވާ ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި، މާވިން ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލައިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
އޭނާގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މާވިންގެ ލޯބިވެރިޔާ، ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
ލަމްހާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލައިފައިވަނީ މޭރީ މަރާލުމުގައި އޭނާ މާވިންއަށް އެއްބާރުލުން ދީ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭތީއެވެ. އޭނާގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.
ލަމްހާގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރިއިރު ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ، އަދި އައިޖީއެމްއެޗްގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރި އިރު، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.
ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށްވުގެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ މާވީން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.