މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަކީ ސިޔާސީ އެއްވެސް ޕާޓީއަކަށް ފައިދާއެއް ހޯދައިދޭން މަސައްކަތް ކުރާނެ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އެމްއެންޕީން ކުރިމަތި ލުމުގެ ބޭނުމަކީ ޕީޕީއެމަށް ވޯޓް ހޯދައިދިނުން ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވުމުންނެވެ.

ރިޔާޒް މިއަދު "ސަން"އަށް ވިދާޅުވީ އެމްއެންޕީއަކީ އެއްވެސް ސިޔާސީ ޕާޓީއަކާ ބައިއަތު ހިފާނެ ޕާޓީއެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަން އުފެއްދި ދިވެހި ރައްޔިތުންގެ ޕާޓީއެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޕީ އުފެއްދީ ވަރަށް މާތް އަދި އެހާމެ، މަތިވެރި މަގުސަދެއްގައި ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކޮށްދޭން މަސައްކަތް ކުރުމާއި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކާއި އަދި އެހެނިހެން ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޕީ ދެމިއޮންނާނީ ރައްޔިތުން ބޭނުންވާ ހައްގު މިންވަރު ހޯދައިދިނުމަށް ވަކާލާތު ކުރާ ޕާޓީއެއްގެ ގޮތުގައިކަން ފާހަގަ ކުރައްވައި ރިޔާޒް ވިދާޅުވީ މިއަދާ ހަމައަށް ވެސް އެމްއެންޕީގެ ސްޓޭޑް ވަރަށް ސާފު ކަމަށެވެ.

"އެމްއެންޕީއަކީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ކަންކަން ބަދަލު ކުރުމަށް އެމްޑީޕީއާ ޕީޕީއެމް ގުޅިގެން ކުރާ މަސައްކަތް ތަކަށް ނޫނެކޭ ބުނާނެ ޕާޓީ،" ރިޔާޒް ވިދާޅުވިއެވެ.

"ހަމަ އެއާއެކު ރާއްޖޭގައި އިސްލާމް ދީނާ ބީރަށްޓެހި ކަންކަން ހިންގުމަށް ފުރުސަތު ދިނުމާ ދެކޮޅަށް ވަކާލާތު ކުރުމަށް އުފެއްދި ޕާޓީއެއް އެމްއެންޕީއަކީ،"

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ ތިން ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ފަށައިގެން ކުރިއަށް ގެންދާއިރު ރިޔާޒް ވިދާޅުވީ ކެންޕެއިނުގެ އެންމެ ކުރީގައި އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކަމަށާއި އެ ކަން އިންތިހާބުގެ ނަތީޖާއިން ފެންނަން ޖެހޭނެ ކަމަށެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ރައްޔިތުން ބޭނުންވަނީ ޚުލްގު ހެޔޮ މީހެއް ކަމަށެވެ.

އެހެންކަމުން ހަންނާނު ވެގެންދާނީ މަޖިލީހުގައި ހަޑި ހުތުރު ބަހުން އަޑުގަދަ ނުކުރާ، ރީތި ބަހުން ވާހަކަ ދައްކާ ކެންޑިޑޭޓަކަށް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ޝަރަފްވެރިވާ މިންވަރަށް އެ ދާއިރާ ތަރައްގީ ކޮށްދޭނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.