30 Jan 2022, 13:16
ޕީޕީއެމްގެ ސަރުކާރެއްގައި ދިވެހި އެންމެހާ ރައްޔިތުންނަށް ވެސް ވަޒީފާގެ ފުރުސަތުތައް ރައީސް އަބްދުﷲ ޔާމީން ކަށަވަރުކޮށްދެއްވާނެ ކަމަށް ޕީޕީއެމްއިން މިއަދު ބުނެފިއެވެ.
މިފަހުން ޕީޕީއެމްގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވެފައިވަނީ އަންނަ އަހަރު ބާއްވާ އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ވެއްޖެނަމަ ވަޒީފާ ދޭނީ ހަމައެކަނި އެ ޕާޓީގެ މެމްބަރުންނަށް ކަމަށާއި އެހެން ޕާޓީއެއްގެ މެމްބަރުންނަށް ފުރުސަތު ނޯންނާނެ ކަމަށެވެ.
ޕީޕީއެމްއިން މިއަދު ވަނީ އެކަން ދިފާއުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޔާމީން ދެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅޭ ގޮތަށް އެ ހަބަރު މީޑިއާތަކުން ގެނެސްދީފައިވާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ޔާމީންގެ ވާހަކަފުޅުގައި ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެއް ނުވާނެ ކަމަށެވެ.
"އަދި ވަޒީފާ ދެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެކަމަށް ވިދާޅުވެފައި ނުވާއިރު، އެ ހުރިހާ ފަރާތްތަކަށް ވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ،" ބަޔާނުގައިވެއެވެ.
ޕީޕީއެމްއިން ބުނީ ޔާމީންއަކީ މިހާތަނަށް ރެކޯޑް އަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވާ، ވަކި ޕާޓީއަކަށް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމަށެވެ.
ޕީޕީއެމްއިން އެހެން ބުނި ނަމަވެސް ޔާމީން އެ ބައްދަލުވުމުގައި ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި ހަމައެކަނި ވަޒީފާ ލިބޭނީ ޕީޕީއެމްގެ މެމްބަރުންނަށް ކަމަށެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެއީ ޑިމޮކްރަޓިކް އުސޫލު ނޫން ކަމަށް ބުނެއެވެ.