"އިންޑިއާ އައުޓް" ހަރަކާތަށް އަމާޒުކޮށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން އެމްޑީޕީން އުޅެނީ އެ ހަރަކާތް ހުއްޓުވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް "ސަން"އަށް ވިދާޅުވީ މިފަދަ ބިލެއް ހުށަހެޅުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި މިފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނީ ގާނޫނަކުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގާނޫނަކުން ނޫން ތިކަމާ މުގާބަލާކުރަން ޖެހޭނީ. ތިފަދަ މައްސަލަތަކަކީ ހުޅުވާލެވިފައިވާ މާހައުލެއްގައި ވާހަކަދެކެވިގެން ތިކަމުގައި ހުރި އިޝޫސްތަކަށް ޕަބްލިކުގައި އެޑްރެސްކުރެވިގެން ނިންމަން ޖެހޭ ކަންކަން،" އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެކަމުގައި އަޑުއުފުލާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޖަވާބެއް ނުދީ، މަޖިލީހުގެ ތެރެއިން އެކަންކަން ނިންމަން އުޅުމަކީ ހައްލެއް ނޫން ކަމަށެވެ. މިކަމުން ވެސް ހާމަ ވަނީ އިންޑިއާގެ ނުފޫޒު ދިވެހި ސަރުކާރަށް ފޯރާ މިންވަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބޭރުބައެއްގެ އަޅުވެތިކަމަށް ސަރުކާރު ވަރަށް ބޮޑަށް ގޮސްފައިވާ ކަން މިކަމުން ވެސް މި އެނގެނީ،" ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު މިހާރު މި ސަރުކާރުން ފެންނަނީ ޑިކްޓޭޓާޝިޕެއްގެ ސިފަތައް ކަމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެކި ނަންނަމުގައި ހަނިކުރެވެމުން ދިޔުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް ނިގުޅައި ގަނެވޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއްވެސް ހައިސިއްޔަތަކުން ކުރެވިގެން ވާނެ ކަމެއް ނޫން މިއީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ މެންބަރުންނަށް ވެސް މިހާރު މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމުގެ ފުރުސަތެއް ނެތް ކަމަށާއި، މިފަދަ ބިލެއް ވެއްދުމުގެ މަގުސަދަކީ އެހެން ބަޔަކަށް ވެސް އެކަން ވިޔަ ނުދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހުން [އެމްޑީޕީ] މިހާރު އެ ކުރާ ކަންކަމުން އެބަ އެނގޭ އެމީހުންނަކީ ވެސް ހިޔާލުފާޅުކުރުމުގެ މިނިވަން ކަން އޮތް ބައެއް ނޫން ކަން. ރާއްޖޭގެ ސިޔާދަތީ ބާރުތައް ބޭރު ބައެއްގެ އަތްމަތީގައި އޮތީމަ އެހެން އެވަނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކޮށް، ވާހަކަދައްކާ ފަރާތްތަކަށް އަދަބު ދެވޭ ފަދަ ބިލެއްގެ މަސައްކަތް ޑްރާފްޓިން މަރުހަލާގައި އޮތްކަން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ މިއަދު "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ.